twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަމާޒަކީ ކާމިޔާބު އަހަރަކަށް ހެދުން: ނާސިހާ

Jan 8, 2017

އަމާޒަކީ މި ފެށުނު އާ ދިރާސީ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުންކަމުގައި އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވެއްޖެ އެވެ.

އެސްކޫލުގެ ހޯލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބުލީގައި ވާހަކަ ދައްކަވަމުން ނާސިހާ ވިދާޅުވީ މިއަހަރު ކޮންމެ ކުއްޖަކުވެސް އަޒުމަކަށް ވާންވާނީ ކާމިޔާބު އަހަރަކަށް ހެދުމަށް ކަމަށެވެ. އަދި ކާމިޔާބު އަހަރަކަށް ހެދުމަށް ކުރެވިދާނެ ބައެއް ކަންކަން ނާސިހާ ދަރިވަރުންނާ ހިއްސާކުރެއްވި އެވެ.

” ފުރަތަމަ ކަމަކަށް މި އޮތީ ގަޑިން ގަޑިއަށް ކަންކަން ނިންމުން. އެކަން ކުރުމަށްޓަކާ އަޅުގަނޑުމެން މުސްލިމުންނަށް މިއޮތީ ކަމެއް (ނަމާދު) ހަވާލުކުރައްވައިފަ. ތިޔަކުދިން މިކަން ބަރާބަރަށް ކުރާނަމަ ކުރަން ހުންނަ އެހެންކަންކަމުގަ ފިލާވަޅުތަކަށް ދެވޭ ސަމާލުކަން ރަނގަޅުވާނެ ” ނާސިހާ ވިދާޅުވި އެވެ.

ނާސިހާ ވިދާޅުވީ ކާމިޔާބު ދަރިވަރަކަށް ވުމަށް ގަޑިއަށް ސްކޫލަށް ހާޒިރު ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި 6 ގަޑިއިރަށްވުރެ މަދުން ނޫން އަދަދަކަށް ނިދަން ޖެހޭ ކަމަށެވެ.

“ކޮންމެ ދުވަހެއްގައި ވެސް ތިމާގެ އަމިއްލަ ނަފްސުގެ ހިސާބު ތިޔަކުދިން ހަދަންވާނެ. ހުރިހާ ކުދިންވެސް ހިސާބު ކިޔަވަމެއްނު. މިސްއެއް ނުބުނަން މިވެނި ވަރަކަށް މިވެނި ކަމަކަށް މާކްސް ދޭށެކޭ. އެެކަމަކު މިއަދު ކިތައް ކަންތައް ތޯ ރަނގަޅު ކުރެވުނީ. މިއަދުގެ 24 ގަޑިއިރު ނުވަތަ 12 ގަޑިއިރު ހޭދަކުރެވުނީ ކިހިނެތް؟ ފޮތް ކިއުނުތަ؟ ފޮތް ގެނެވުނުތަ؟ ތިޔަކުދިން ބަލާލަބަލަ. އަނެއް ދުވަހު އޭގެތެރެއިން ކުރެވުނު ގޯސްކަމެއް އޮތްކަމުގައިވާ ނަމަ އެކަން ރަނގަޅުކޮށްގެން ކުރިއަށް ދާންވާނީ. އެހެން ނޫނީ އަހަރުމެންގެ ދިރިއުޅުމުގައި އަހަރުމެންނެކޭ މިހިރަ ގަސްގަހެކޭ ތަފާތެއްނެތް. ސިކުނޑި ނެތް ބަޔެކޭ އަހަރުމެންމެކޭ ތަފާތެއް ނެތް. އެހެންވީމާ އަަހަރުމެންނަށް ﷲ ތައާލާ ދެއްވާފައިވާ މަތިވެރި ނިއުމަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާ އަހަރެމެން އަހަރެމެންގެ ދިރިއުޅުން ރަނގަޅުކޮށް ކާމިޔާބު ހޯދައިގެން ކުރިއަށްދާ ބަޔަކަށް ވާންޖެހޭނެ” އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355