ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ފެށޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް އަފީފުއްދީން ސްކޫލު ހާމަކޮށްފި އެވެ.
ކުޅުދުއްފުށިގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދެއްނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެެވެ.
ކޭއޯއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންތަކެއްގެ ބެލެނިވެރިން އެދިގެން އެކަން މިނިސްޓްރީއަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އަފީފުއްދީން ސްކޫލުގެ ސަރަހައްދުގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން އެކަމަށް އެދުނީ ދެ ސްކޫލަކަށް ދާން ޖެހުމުން އެކަމުގައި ދަތިތަކެއް ހުރުމުން ނެވެ. އެގޮތުން އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ބެލެނިވެރިން ބައެއް ދަރިން އަފީފުއްދީން ގެންގޮސްފައި ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅު ހދ އޭއީސީއަށް ގެންދިއުމަށް އުނދަގޫވާކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ.
ނާސިހާ ވިދާޅުވީ ބެލެނިވެރިން އެކަމަކަށް އެދުމުން ސްކޫލު ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. އަފީފުއްދީން ސްކޫލުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާ ދިނުމުގެ ކަންކަން މިނިސްޓްރީން ހަމަޖައްސާދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ނާސިހާ ވިދާޅުވި އެވެ.