މިދިޔަ ރޯދަމަހު ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ސަދަޤާތުގެ ގޮތުގައި ބެހުމަށް ފޮނުއްވެވި 50 މެޓްރިކް ޓަނުގެ ކަދުރުން ބައެއް ސަދަގާތު ފައުންޑޭޝަން މެދުވެރިކޮށް ބެހުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އިދިކޮޅު ފަރާތްތަކުން އޭސީސީއަށް ހުށަހެޅުނު ޝަކުވާގައި ފަޤީރުންނާއި ނިކަމެތިންނަށް ބެހުމަށްޓަކައި މުލީއާގޭއަށް ހަވާލުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި އެދުމުގެ މަތިން ކަދުރު 500 ފޮށި ކަދުރު މުލީއާގެއާ ހަވާލުކޮށްފައިވާތީ އެވެ.
އެކަން އެގޮތަށް ކޮށްފައިވަނީ އަވަހަށް ރައްޔިތުންނަށް ކަދުރު ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަ ކޮށްފައި އެވެ. އެހެންކަމުން، އެކަން އެގޮތަށް ކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ކަމެއް ކޮށްފައިވާކަން އެނގެން ނެތުމުން، އެމައްސަލައަކީ ކޮރަޕްޝަން އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނަޑައަޅައި އެ މައްސަލަ ވަނީ ނިންމާފައި ކަމަށް އެކޮމިޝަނުން ބުނެއެވެ.
އަދި ބޭރުގެ އެކިއެކި ގައުމުތަކުންނާއި އެހެނިހެން ގޮތްގޮތަށްވެސް އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި، ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އާންމުންގެ މެދުގައި މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރަމުންދާކަމުގެ ޝަކުވާ މިކޮމިޝަނަށް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އެހީގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ލިބޭ ތަކެތި އާންމުންނަށް ބެހުމަށްޓަކައި ވަކިވަކި އޮފީސްތަކާ ނުވަތަ ޖަމްއިއްޔާތަކާ ހަވާލުކުރާނަމަ، އެތަކެތި އެފަރާތްތަކާ ހަވާލުކުރާނެ ހަރުދަނާ އުސޫލެއް ކަނޑައަޅާ އެއުސޫލުގެ ދަށުން އެކަން ކުރެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެރަރީއަށް އަންގާފައި ވެއެވެ.