މުޅި ރާއްޖެއަށް ހުޅުވާލައިގެން އިންޓަ ސްކޫލް ގުރުއާން މުބާރާތެއް ބޭއްވިގެން ދާނެކަމަށް ސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅުވައިގެން ރޭ ޖުމްހޫރީ މައިދާން ސަރަހައްދުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުތެރޭގައި ފުރަތަމަ ފަހަރަށް އިންޓަސްކޫލް ގްރުއާން މުބާރަތް ބޭއްވިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އޮންނަ އެކިއެކި ފަރުދީ ގުޅުންތައް އެކުވެރިވެ، އެއްބައިވެ އެއް މުޖުތަމައަކަށް ދެވޭނީ ކީރިތި ޤުރުއާނުގައި އޮންނަ، ރީތި އަދަބާއި އަހުލާގުން އެންމެން ވެސް ޒީނަތްތެރިވެގެން ކަމަށާއި ދީނީ އަހުލާގު ހިތްތަކުގައި އަށަގަންނަވައި ދީނީ މައުލޫމާތުތައް ހޯދަން މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
އަދި ދީން ހިމާޔަތް ކުރުމަށް އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި ގައުމު ހިމާޔަތް ކުރެވޭނީ ދީން ހިމާޔަތްކޮށްގެންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިރޭގެ ޖަލްސާގައި ވަނީ ދާދިފަހުން ކުރިއަށްގެންދިޔަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވެ، އެކި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީވެސް ހަވާލުކޮށްފައެވެ.