ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓު ހަތަރު މީހުންނާއި އެކު ހދ.މަކުނުދޫގެ ކައިރިން އޮޔާދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ފެނިއްޖެއެވެ.
މި މަސްބޯޓު ފެނިފައިވަނީ ރޭ ދަންވަރު 3 ޖަހާކަންހާއިރު ހދ.މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުން އޮޔާދަނިކޮށެވެ.
މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފެށީ ސްރީލަންކާގެ މަސްބޯޓެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެންނެވެ.
ބޯޓު ގައި ތިބި 4 މީހުންގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ޙާލު ރަނގަޅެވެ
އެ މަސްބޯޓު ހދ.ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެކަމަށް ލަފާކުރެވެނީ މިރޭ 11 ޖަހާކަންހާއިރު ކަމަށް އެމްއެންޑިއެފް އިން މައުލޫމާތު ދެއެވެ.