twitterviber whatsapp telegramfacebookyoutube instagram
22nd May 2025

މުއިއްޒުގެ ވަފުދަށް ކުޅުދުއްފުށީ ކައުންސިލުން ޝަކުވާ ގޯންޏެއް

Jan 19, 2017

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތު ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަން ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

ހދ އަތޮޅަށް މިނިސްޓަރ މުއިއްޒު މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތީ ހަވީރު 6:30 ހާއިރު އެވެ.

މިނިސްޓަރު މުއިއްޒު އާއި އަރިހުގައި ވަޑައިގަންނެވި ބައެއް މަޖިލިސް މެމްބަރުންނާއެކު ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅުގެ ކައުންސިލް މެމްބަރުންނާ މިހާރު ވަނީ ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކޮށްލެއްވުމުގައި ސަރުކާރުން ހދ އަތޮޅާއި ތިލަދުންމަތީގައި ފަށާފައި ހުރި މަޝްރޫއުތަކާއި ނުކުރެވި ހުރި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފާހަގަކޮށް ޝަކުވާ އުފުލާފައިވެ އެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ 2 އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އަޅުއްވައިދެއްވާނެކަމަށް ވައުދުވި އެއާޕޯޓްގެ މަޝްރޫއު ނުފެށި ލަސްވާ މައްސަލަ އާއި އައިހެވަން މަޝްރޫއު ނުފެށި ލަސްވާ މައްސަލައިގެ އިތުރުން ހދ އަތޮޅުގެ ރިސޯޓެއް ނުހުޅުވި ލަސްވާ މައްސަލައާއި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމާއި ކުޅުދުއްފުށީ ރޯހައުސް ނުނިމި ލަސްވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ.

އަދި ނިމިފަ ހުރި ރޯހައުސްތައް ހަވާލުނުކުރެވި ގިނަ ދުވަސްވާ މައްސަލަ އާއި ވެލިގަނޑު 4 ބުރިއަށް އިމާރާތްކުރަން ހަވާލުކުރި ހައުންސިންގ ޔުނިޓުތައް ނުފެށި ލަސްވާ މައްސަލަ އާއި ކުޅުދުއްފުށީގެ ހުސް ބިންތަކުގެ ގޯތި ދޫކުރުމުގެ ކަންތަކާއި އާޓިފިޝަލް ބީޗްގެ މައްސަލަ އާއި މަގު ހެދުމުގެ މަސައްކަތް ލަސްވާ މައްސަލަ އާއި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ދޫކުރަން ނިންމި ތެޔޮ ބިންތަން ދޫނުކުރެވި ލަސްވާ މައްސަލަ އާއި ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދު ގިރާ މައްސަލައިގެ އިތުރުން ކުޅުދުއްފުށީ ވަށައިގެން ރިވެޓްމަންޓް ޖެހުމާއި އުތުރު ބަނދަރު މަގު ޒަމާނީ ފެންވަރަށް ހެދުން ހިމެނެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަނު ކޭއޯއަށް ވިދާޅުވީ ގިނަ ޝަކުވާތަކެއް ކައުންސިލުން ހުށަހެޅި ނަމަވެސް އެކަންތައްތަކާ ބެހޭ ގޮތުން މިނިސްޓަރ މުއިއްޒުގެ ވަފުދުން ވަކި އެއްޗެއް ވިދާޅުނުވާ ކަމަށެވެ. އެހެންނަމަވެސް ހުރިހާކަމެއް ނޯޓްކުރެއްވި ކަމަށް އައިމަނު ވިދާޅުވި އެވެ.

މިރޭ 7 ޖެހިއިރު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މުއިއްޒުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ބައިވެރިވެވަޑައިގަތެވެ.

ކައުންސިލުގެ ފަރާތުން ކައުންސިލްގެ ރައީސް އަލީ މުހައްމަދާއި ނައިބު ރައީސް އައިމަނު އާއި ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބުދުލް ލަތީފް އާއި ކައުންސިލް މެމްބަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355