twitterviber whatsapp telegramfacebookyoutube instagram
26th April 2024

ތިލަދުންމަތީގައި ނުފެށި ހުރި ތަރައްގީގެ ބިޔަ މަސްރޫއުތައް މުއިއްޒުގެ ސަމާލުކަމަށް ގެންނަވައިފި

Jan 19, 2017

ސަރުކާރުން ތިލަދުންމަތީގައި ފައްޓަވާނެކަމަށް ވިދާޅުވެފައިހުރި ތަރައްގީގެ ބިޔަ މަޝްރޫއުތައް ނުފެށި ލަސްވާތީ މިނިސްޓަރު މުއިއްޒުގެ ސަމާލުކަމަށް އެކަން ގެންނަވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތު ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިހާރު ހދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅު ކައުންސިލަރުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރީ ސަރުކާރުން ތިލަދުންމަތީ ސަރަހައްދުގައި އަޅަން ނިންމާފައިވާ އައިހެވަން ޕްރޮޖެކްޓް ނުފެށި ލަސްވާ ސަބަބާއި ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގައި އަޅަން ރައީސް ޔާމީން ވައުދުވި އެއާޕޯޓް ނުފެށި ލަސްވާ މައްސަލަ އާއި ހދ އަތޮޅުގައި ރިސޯޓެއް ނުހުޅުވި ގިނަ ދުވަސްވާ މައްސަލަ އާއި ހަނިމާދޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރުމުގެ މައްސަލާގަ އެވެ.

އައިހެވަން މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަން ފެށިފައިނުވާއިރު އެންމެ ފަހުން އައިހެވަން އާއި ބެހޭ ގޮތުން އިވުނީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި މާސްޓަ ޕްލޭން ހަދަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރި ވާހަކަ އެވެ.

އެންމެ ފަހުން ހދ އަތޮޅުގެ ރަށްތަކަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނެކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.

ކުޅުދުއްފުށީގައި އަޅަން ރައީސް ޔާމީން ވައުދުވެވަޑައިގަންނެވި އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާ، ހިދުމަތްވެސް ދޭން ފަށާނެކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެމަޝްރޫއު ހިންގުމަށް ބަޖެޓްގައި ވަނީ ފައިސާވެސް ހިމަނާފަ އެވެ. އެކަމަކު އަމަލީ މަސައްކަތް އަދި ފަށާފައެއް ނުވެ އެވެ.

މިނިސްޓަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވުމަށް ފަހު ކެއޯއާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އައިމަނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް އެ އެއާޕޯޓުން ހަމައެކަނި ދަތުރުކުރަނީ އިންޑިޔާގެ ޓްރިވެންޑުރަމަށް ކަމަށް ވުމުން އެއީ ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިއިން އެއްވެސް ކަމަކާއި މިނިސްޓަރު މުއިއްޒުވެސް އަދި މަޖިލީހުގެ މެމްބަރުންވެސް އެއްޗެއް ވިދާޅުވެފައިނުވާ ކަމަށް އައިމަނު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ މުއިއްޒުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ލީޑަރު އަހުމަދު ނިހާނު ހުސެއިން މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ބައިވެރިވެވަޑައިގަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355