ސްޕޯޓްސް އެރީނާ ޕުރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި އިތުރު ޓާފް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ޔޫތް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު އަމީން ކޭއޯއަށް މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި ޓާފް ދަނޑެއް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށެވެ.
މަސައްކަތް ހަވާލުކުރާތާ 99 ދުވަހުގެ ތެރޭގައި އަޅަން ހަވާލުކުރި މި ދަނޑަކީ 145.4 ފޫޓް ދިގު 78.9 ފޫޓް ފުޅާ ދަނޑެކެވެ.
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މިފަހަރު ހަދަނީ ޓާފް ގުރާސް ދަނޑެކެވެ. މިދަނޑު އެޅުމަށް ހަމަޖެހިފައިވަނީ މިހާރު ސްޓޭޑިއަމްގައި ހުރި ޓާފް މެޓް ދަނޑުގެ އިރުމަތި ފަރާތުގައި އެވެ.
މިއީ ރައީސް ޔާމީންގެ ސަރުކާރުން ކުޅުދުއްފުށިގައި އަޅާ ދެވަނަ ފުޓްސަލް ދަނޑެވެ.