7 އަހަރަށްފަހު ހދ ކުމުންދޫއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ކުމުންދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓް ގެ 50 ގޯތި ކަމަށާއި ގޯއްޗަށް އެދޭ ފޯމް މި މަހު 18 އިން ފެށިގެން ކައުންސިލުން ދޫކުރަމުން އަންނަ ކަމަށެވެ.
އަމީން ވިދާޅުވީ ކައުންސިލުން މިނިސްޓްރީގައި އެދުނީ 118 ގޯއްޗަށް ނަމަވެސް މިނިސްޓްރީން ހުއްދަ ދެއްވީ 50 ގޯއްޗަށް ކަމަށެވެ.
މިހާތަނަށް ގާތްގަނޑަކަށް 150 މީހުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ގޯއްޗަށް އެދޭފޯމް އަންނަ ފެބްރުއަރީ މަހު 19 ވާ އަދިއްތަ ދުވަހާ ހިސާބަށް ބަލައިގަންނާނެ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
ކުމުންދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ވާގޮތުން ގޯއްޗަށް އެދޭ ފޯމް ލިބޭނީ ގޯއްޗަށް އެދޭމީހާ ނުވަތަ ބަދަލުގައި ފޮނުވާ މީހަކު އެ އިދާރާއަށް ދުރުވުމުން ކަމަށެވެ. ބަދަލުގައި މީހަކު ފޮނުވަނަމަ ސިޓީއެއް ހުށައަޅަން ވާނެ ކަމަށާއި ސިޓީގައި ފޯމް ހަވާލުކުރުމަށް ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަން ވާނެ ކަމަށެވެ.
އަދި ގޯއްޗަށް އެދޭ ފޯމް ފުރިހަމަކޮށް ހުށައަޅާއިރު ފޯމުގައިވާ ހުރިހާ ލިޔެކިޔުންތައް ހަމައަށް ހުށައަޅަންވާނެ ކަމަށާއި މައުލޫމާތު ފުރިހަމަ ނުވާ ފޯމާއި ދިފާއިވާ މުއްދަތަށްފަހު ހުށައަޅާ ފޯމްތައް އެ ކައުންސިލުން ބަލައިނުގަންނާނެ ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މިފަހަރު ކުމުންދޫގެ 5 ސަރަހައްދަކުން ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.