twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮރަޕްޝަން މައްސަލައެއްގައި ކުޅުދުއްފުށީ ކުޑަކަތީބެއްގެ މައްޗަށް ދައުވާކުރަނީ

Jan 31, 2017

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ލޯނަށް އެދުނު ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިން މައްސަލައެއްގައި ކުޅުދުއްފުށީގެ ކުރީގެ ކުޑަކަތީބެއްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް 2008 ވަނަ އަހަރު ދޫކުރި ގެދޮރުވެރިކަމުގެ ލޯނުން ފުރަތަމަ ޕޭމަންޓް ނަގައިގެން އިމާރާތުގެ އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީގެން އެ ލޯނުގެ ދެވަނަ ޕޭމަންޓް ހޯދަން މީހަކަށް އެހީތެރިވެދިން މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެކަތީބުގެ ވަނަވަރު އޭސީސީއަކުން ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީން މިއަދޔ ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޗް.ޑީ.އެފް.ސީ އިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ ފައިސާ ދޫކުރާނީ އިމާރާތްކުރެވޭ މިންވަރަށް ބަލައި، ބައިބަޔަށް ބަހާލައިގެންކަން، އެޗް.ޑީ.އެފް.ސީ އާއި އިސްވެދެންނެވުނު ފަރާތާ ދެމެދު  ވެފައިވާ “ލޯނު އާއި ރަހުނުގެ އެއްބަސްވުން” އިން އެނގެން އޮންނައިރު، ލޯނުގެ ދެވަނަ ޕޭމަންޓަށްވާ 70,000.00 ރުފިޔާ އެ ކޯޕަރޭޝަނުން ދޫކޮށްފައިވަނީ، ލޯނުގެ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި ދޫކޮށްފައިވާ 30,000.00 ރުފިޔާ ދޫކުރުމަށްފަހު، އިމާރާތްކުރަން ހަމަޖެހިފައިވާ ގޯތީގައި މަސައްކަތް ކޮށްފައިވާ މިންވަރު ބެލުމަށްޓަކާ ކުޅުދުއްފުށީ އޮފީހަށް އެ ކޯޕަރޭޝަނުން ފޮނުވާފައިވާ ފޯމުގައި، އެ ގޯތީގައި ކޮންކްރީޓް ފައުންޑޭޝަން އަޅާ ނިމިފައިވާކަމަށް، އެ ފޯމު ފުރިހަމަކުރި ފަރާތް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް 2013 ވަނަ އަހަރުގެ ޖޫންމަހާ ހަމައަށްވެސް އެ ގޯތީގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިން 2013 ގައި ތައްޔާރުކޮށްފައިވާ ލިޔުމުންނާއި  ކޮމިޝަނުގެ ތަހުޤީޤުން ބެލިބެލުމުން އެނގޭކަމަށާއި އަދި ދޫކުރި ލޯނަށް އެދުނު ފަރާތް ހުށަހަޅާފައިވާ ފޯމުގައި އޭނާ ރަނގަޅަށް ދަންނަ މީހެއްގެ މައުލޫމާތު ހުށަހަޅާ ބައިގައި އޭރުގެ ކުޑަކަތީބުގެ ނަން ޖަހާފައިވާތީ އާއި ލޯނަށް އެދުނު ފަރާތުގެ ލޯނަށް ގެރެންޓީ ދޭ ފަރާތުގެ ގޮތުގައި ހަމަޖައްސައިދިނުމަށް ކުޑަކަތީބު އެޗް.ޑީ.އެފް.ސީ ގައި އެދިފައިވާތީ، ލޯނަށް އެދުނު ފަރާތާއި ކުޅުދުއްފުށީ އޭރުގެ ކުޑަކަތީބަކީ ގާތް ގުޅުމެއް އޮންނަ ދެފަރާތްކަން އެނގޭކަމަށް އޭސީސީގެ ބަޔާނުގަ ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355