މުޖުތަމައުއަށް އަމާޒުކޮށްފައިވާ “އަހަރެންގެ ބޭންކް” ކެމްޕޭން ބީއެމްއެލްއިން އިފްތިތާހްކޮށްފި އެވެ.
ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް”ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމަކީ ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ގިނަ ހަރަކާތްތަކަކާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި “އަހަރެންގެ ބޭންކް ކޮމިއުނިޓީ ޕްރޮޖެކްޓް” އަށް ޕްރޮޕޯސަލް ހުށަހެޅުމަށް މިވަނީ ހުޅުވާލާފައެވެ. ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް މި ގޮތުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ތަންފީޒުކުރުމަށް ބޭންކުން 2 ލައްކަ ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމް އިފްތިތާހްކުުރުމަށް ރޭ ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ބޭންކުގެ ބައެއް ކަސްޓަމަރުންނާއި، ރާއްޖޭގެ ގިނަ ޖަމިއްޔާތަކެއްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
ދިވެހި މުޖުތަމައަށް އެހީތެރިވުމަށްޓަކައި ކުރިޔަށްގެންދާނެ ގިނަ ހަރަކާތްތަކަކާއެކު ބީއެމްއެލްއިން މި ފެށި ޕްރޮގްރާމް ފެށުމުގެ ގޮތުން، މި ފެބުރުވަރީ މަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމައަށް ފައިދާ ކުރާނެ ހިދުމަތަކަށް އަލިއަޅުވާލާ ހަރަކާތެއް ބޭންކުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.