ހާޓް އެޓޭކެއް ޖެހިގެން ރޭ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނައި ބަލި މީހަކު އިތުރު ފަރުވާއަށް މާލޭ ގެންދެވޭނެ ގޮތެއް ނެތި މާޔޫސްވެއްޖެ އެވެ.
ހާޓް އެޓޭކެއް ޖެހިގެން ރޭ ގެނައި 39 އަހަރުގެ އެމީހާއަށް މިހާރުވަނީ ސްޓްރޯކެއް ޖެހި ވަރަށް ސީރިއަސް ހާލުގަ އެވެ. އޭނާ ނޭވާވެސް ލައްވަމުންދަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ.
އޭނާގެ ކޮއްކޮއެއް ކޭއޯއަށް މިއަދު ބުނީ އިތުރު ފަރުވާއަށް މާލެ ނުގެންދެވި ލަސްވީ ހަނިމާދޫއިން ޖާގަ ނުލިބުމާއި ސީޕްލޭނެއް ވެސް ނުލިބިގެން ކަމަށެވެ.
އޭނާ ބުނީ ރޭ ގައިވެސް ހަނިމާދޫމަގުން ޖާގަ ނުލިބުނުކަމަށާއި ޖާގަ ލިބުނީ މިއަދު މެންދުރު ފަހު ފްލައިންޓުން ކަމަށާއި ނަމަވެސް ފަހުން ހާލު ދެރަވުމުން، ވެންޓިލޭޓަރުގައި ފްލައިޓަށް ނޭރުވުނީ ކަމަށެވެ.
ހަނިމާދޫ މަގުން ނުގެންދެވޭނެކަން އެގުމުން ސީޕްލެނެއްގައި ގެންދަން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް ސީޕްލޭނެއް ނުލިބުނު ކަމަށް އޭނާ ބުންޏެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ފާތުމަތު ހަސަން ވިދާޅުވީ އެމިހާ ފަރުވާއަށް މާލެ ނުގެންދެވި ލަސްވެފައިވަނީ ގެންދާނެ ސީޕްލޭނެއް ނުލިބުމުން ކަމަށެވެ.
” އާސަންދައަށްވެސް ސީޕްލޭނެއް ނުލިބުނު. ޕޭޝަންޓް ވަރަށް ސީރިއަސް. އޭނާ މިހާތަނަވެސް މާލެ ނުގެންދެވި އޮތީ ސީޕްލޭނެއް ނުލިބުމުން” ފާތުމަތު ވިދާޅުވި އެވެ.
ފާތުމަތު ވިދާޅުވީ އޭނާ މާލެ ގެންދިއުމުގެ ކަންތައް އާސަންދައިން ކުރަމުންދާ ކަމަށެވެ. އާސަންދައިން ބޯޓެއް ޗާޓަރުކޮށްގެންނަ ކަމަށާއި މިރޭ 8 ޖަހާއެހާއިރު ހަނިމާދޫ މަގުން މާލެ ފޮނުވާލެވޭނެ ކަމަށެވެ.