ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ކުޅިވަރު ފެސްޓިވަލްގައި ބީއެމްއެލްއިން ބައިވެރިވެ ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް ފައިސާގެ އެހީއެއް ދީފިއެވެ.
ކެންސަރު ދުވަސް ފާހަގަކުރުމަށް ސީއެސްއެމް އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން އިއްޔެ ހެންވޭރު ދަނޑުގައި “#ވީކޭންއައިކޭން ސަޕޯޓް ތުރޫ ސްޕޯރޓް” ޝިއާރުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން ބޭއްވި އިވެންޓްގައި، ތަފާތު ދިހަ ކުޅިވަރު ހަރަކާތެއް ގެންގޮސްފައި ވެއެވެ.
މި ހަރަކާތުގައި ކުޅިވަރުތައް އިންތިޒާމްކޮށްފައިވަނީ އެކުޅިވަރެއްގެ ގައުމީ އެސޯސިއޭޝަނާއި މި ހަރަކާތުގައި އެސޯސިއޭޝަނެއް ސްޕޮންސަރކޮށްފައިވާ ކުންފުނީގެ ފަރާތުންނެވެ. އެގޮތުން ބީއެމްއެލް އިން ސްޕޮންސަރކޮށްފައިވަނީ މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނެވެ.
ބީއެމްއެލްއިން ވަނީ ބައިވެރިން ޖެހި ކޮންމެ ޓީޓީ ބޯޅައެއްގެ އަދަދަށް ސީއެސްއެމްއަށް ފައިސާގެ އެހީ ފޯރުކޮށްދީފައެވެ.
މިއެހީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރޭވުމަށެވެ.