ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު ދުއްވެވި ކާރެއްގައި ސައިކަލަކުން ޖެހި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ބޭސް ފަރުވާގެ ހުރިހާ ހަރަދަކާ ނަޝީދު ހަވާލުވެއްޖެ އެވެ.
އިއްޔެ މެންދުރު ގާތްގަނޑަކަށް 11:00 ޖަހާއިރު ހިނގި މި އެކްސިޑެންޓް ހިނގާފައި ވަނީ މެމްބަރު ނަޝީދު ދުއްވެވި ކާރެއްގައި ނުގަވައިދުން އައި ސައިކަލަކުން ޖެހިކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 56އ، ގެ ޔޫސުފް އަލީގެ ފައި ވަނީ ބިނދިފައެވެ.
މެމްބަރު ނަޝީދު ވަނީ އިއްޔެ ފައި ބިނދި އަނިޔާވި ޔޫސުފް އާއި އޭނާގެ އައިލާގެ ބައެއް މީހުން ގޮވައިގެން ހަނިމާދޫ މަގުން މާލެ ގޮސްފަ އެވެ.
ކޭއޯއާ ވާހަކަ ދެއްކި އެކަން އެނގޭ މީހުން ބުނީ އަނިޔާވި މީހާގެ ބޭސް ފަރުވާގެ ހުރިހާ ހަރަދަކާއި މާލޭގައި ހުރުމާއި ދަތުރުތަކުގެ ހަރަދުތަކާ ނަޝީދު ހަވާލުވެފައިވާ ކަމަށެވެ. އެކަމަކު ރަށު ތެރޭގައި އޭނާއަށް ސައިކަލެއް ދިނުމަށް ވެސް ހަމަޖެހިފައިވާކަމަށް ދެކެވޭ ވާހަކަ އެމީހުން ވަނީ ދޮގުކޮށްފަ އެވެ.
އެކްސިޑެންޓްގައި ފައި ބިނދުނު ޔޫސުފުގެ އޮފަރޭޝަން މިއަދު ހަވީރު 3 ޖަހާއިރު އޭޑީކޭގައި ކުރެވޭނެކަމަށް އެމީހުން ބުނެ އެވެ.