ސީޕްލޭން ހަމަނުޖެހިގެން ފަރުވާއަށް މާލެ ގެންދެވުން ލަސްވި މީހާ އައިޖީއެމްގައި މިއަދު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ކުޅުދުއްފުށީ، ނަލަހިޔާގެ އިބުރާހިމް ޝާހިދު އަހުމަދު (39އ) އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާޓް އެޓޭކެއް ޖެހި އަދި އޭގެފަހުން ސްޓްރޯކެއް ވެސް ޖެހުނު ޝާހިދު ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސް ފަރުވާއަށް މާލެ ފޮނުވުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އޭނާ މާލެ ފޮނުވުން ލަސްވީ ހަނިމާދޫ މަގުން ޖާގަ ނުލިބުމާއި ސީޕްލޭނެއް ހަމަނުހިގެން ކަމަށް އާއިލާއިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
ޝާހިދު މާލެ ގެންދެވުނީ އޭނާއަށް ހާޓް އެޓޭކް ޖެހުނުތާ 24 ގަޑިއިރު ފަހުންނެވެ. މާލެ ގެންދެވުނުއިރު އޭނާއަށްވަނީ ސްޓްރޯކެއްވެސް ޖެހިފަ އެވެ. އޭނާގެ ހާލު ދެރަވެ އިއްޔެވަނީ ކޯމާއަކަށް ގޮސްފަ އެެވެ. ޝާހިދު ނިޔާވުމާ ގުޅިގެން އޭނާއަށް ހެޔޮ އެދޭ ގިނަ ބަޔަކު ދަނީ ޝޯޝަލް މީޑީއާގައި ހިތާމައިގެ ޝުޢޫރުފާޅުކުރަމުންނެވެ.
ޝާހިދަކީ ޖަލާލުއްދީން ސްކޫލުގައި ވަޒީފާއަދާކުރައްވަމުން ގެންދެވި މުވައްޒަފެކެވެ. އޭނާ ނިޔާވި އިރު 3 ކުދިންނާއި އަނތްބަކު ދުނިޔޭގައި އެބަހުއްޓެވެ.
ޝާހިދުގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށްފަހު ހުޅުމާލެ މިސްކިތުގައި ބޭއްވޭތޯ އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.