ކުމުންދޫ ފެނަކަ ބުރާންޗުގެ މުވައްޒަފުންނަށް ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވަސް (ޕީޕީއެމް) އަށް ސޮއިކުރަން އަންގައިފިކަމަށް އެތަނުގެ މުވައްޒަފުން ބުނެފި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ފެނަކަ ކުމުންދޫ ބުރާންޗުގެ ބައެއް މުވައްޒަފުން ބުނީ ޕީޕީއެމްއަށް ސޮއިކުރަން އެންގީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގަ ކަމަށެވެ.
“ކޮންމެ މަހަކު ބާއްވާނެ ބައްދަލުވުމެއް. އެގޮތުން މިމަހު ބޭއްވި ބައްދަލުވުމުގައި ފޯމްތަކެއް ނަގާފައި އެސިސްޓެންޓް މެނޭޖަރު ވިދާޅުވީ މިހުރީ އެކޮޅުން (މާލެ) ފޮނުވި ފޯމްތަކެކޭ ހުރިހާ މުވައްޒަފުން ސޮއެކުރަން” ކުމުންދޫ ފެނަކަ ބުރާންޗުގެ މުވައްޒަފަކު ބުންޏެވެ.
އެމީހުން ބުނީ މާލެއިން ސޮއިކުރުމަށް ފޮނުވާފައިވަނީ 50 ފޯމްކަމަށެވެ. އެހެންނަމަވެސް އެރަށުގެ ފެނަކަ ބުރާންޗުގައި މަސައްކަތްކުރަނީ 10 މުވައްޒަފުންކަމަށް އެމީހުން ބުނެ އެވެ.
“ބައްދަލުވުމުގައި އެސިސްޓެންޓް މެނޭޖަރު ވިދާޅުވީ ފޯމްތަކުގައި ސޮއެކުރަން ހެޑް އޮފީހުން މަޖުބޫރުކޮށްފައިވާކަމަށް. އެކަމަކު މިތަނުގެ މުވައްޒަފުންނަށް މަޖުބޫރެއް ނޫންކަމަށް އޭނާ ވިދާޅުވިކަމަށް” ކުމުންދޫ ފެނަކަ މުވައްޒަފަކު ބުންޏެވެ.
މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް އަދި ވަނީ ނުލިބިފަ އެވެ.
ކުމުންދޫގައި މިމައްސަލަ ދިމާވެފައިވާއިރު ށ ފޯކައިދޫ ފެނަކަ މުވައްޒަފުން ޕީޕީއެމްއަށް މެމްބަރު ހޯދުމުގެ މަސައްކަތް ކުރަމުންދާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.