ރާއްޖޭގެ އުތުރުގައިވެސް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލުގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރަން ބޭރުގެ ފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާދެއްވުމަށް އިއްވި ރިޔާސީ ބަޔާނުގަ އެވެ.
ސަރުކާރުގެ އެންމެ ބޮޑުއެއް އަމާޒަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުންކަމަށެވެ. އަދި ރާއްޖޭގައި ހުރި ސަރުކާރުގެ އެންމެބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗަށް ކުރާ އިތުބާރު ބޮޑުކުރުންމާއި ސިއްހީ ހިދުމަތް ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ހަރަދުތައް ކުޑަކުރުންކަމަށެވެ.
” މިދިޔަ އަހަރު ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖެއިން ލިބެންނެތް ބައެއް ސިއްހީ ހިދުމަތްތައް އައިޖީއެމްއެޗްގައި ޤާއިމުކުރުމަށް. މިގޮތުން، ނޭޝަނަލް ކާޑިއެކް ސެންޓަރެއް ގާއިމުކޮށް އެ ސެންޓަރުން ހިދުމަތްދޭން ފެށުމާއި، ޔޫރޯ-ރީނަލް އެންޑް ފާޓިލިޓީ ސެންޓަރެއް ގާއިމުކޮށް ކިޑްނީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ލިބޭނެ އިންތިޒާމު އައިޖީއެމްއެޗްގައި ވަނީ ހަމަޖައްސާދީފައި. އަދި މިދިޔަ އަހަރު، ޑިޖިޓަލް އެކްސްރޭގެ ހިދުމަތް އައިޖީއެމްއެޗްގައި ފެށިގެން ދިޔުމަކީ ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ، އެންމެފަހުގެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަރުވާދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ” ރައީސް ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވިދާޅުވީ، އައްޑޫސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާ ހަވާލުކުރެވިފަކަމަށާއި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު އެ ހޮސްޕިޓަލް ހުޅުވިގެންދާނެކަމަށެވެ.
އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ވީހާވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ލިބިދިނުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ސުޕަ ސްޕެޝަލިސްޓް ޕްރޮގްރާމްގެ ތެރެއިން 2016 ވަނަ އަހަރު ތަފާތު އެތައް ދާއިރާއަކުން 80 ސުޕަސްޕެޝަލިސްޓުން ރާއްޖޭގެ 14 އަތޮޅަކަށް ޒިޔާރަތްކުރައްވައި، 5427 ބަލިމީހުންނަށް ޚިދުމަތް ދެއްވާފައިވާކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.