ހާއްސަ އިގުތިސާދީ ސަރަހައްދުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ރާއްޖެގެ އުތުރުގައި ގާއިމްކުރަން ނިންމާފައިވާ ސްޕެޝަލް އެކޮނޮމިކް ޒޯން ، އައިހެވަންގެ މާސްޓާ ޕްލޭންގެ ތަފްސީލް ޕްލެންތައް އަންނަ މިއަހަރުގެ އެޕްރީލްމަހަށް ނިންމާލެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
” ދިވެހި ރާއްޖޭގެ އެންމެ އުތުރުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައިހެވަން މަޝްރޫއުގެ ތަފުސީލު ޕްލޭންތައް މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެ ” ރައީސް ވިދާޅުވި އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވަމުން ރައީސް އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ އެންމެ އުތުރުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އައިހެވަން މަޝްރޫއުގެ ތަފުސީލު ޕްލޭންތައް މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެކަމަށާއި އެއާއެކު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ސަރުކާރުން ވަނީ މި ސަރަހައްދުގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ކުންފުނިކަމަށްވާ ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ މިދިޔަ ޑިސެމްބަރުމަހު ހަވާލުކޮށްފަ އެވެ.