އިމްޕޯޓް މުދާ ދަށްކުރުމަށް ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދާ، މަހުގެ އުކާލާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗާގެ ސިނާއަތަށް ބޭނުންވާ ފިޝް މީލް ތައްޔާރުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ބަޔާނުގައި ރައީސް ވިދާޅުވީ މަހުގެ އުކާލާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗާގެ ސިނާއަތަށް ބޭނުންވާ ފިޝް މީލް ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖޭގެ ތިން ސަރަހައްދެއްގައި މި އަހަރު ފަށާނެ ކަމަށާއި މަސްވެރިކަމަށް ބޭނުންވާ ބޭންގް އާލާކުރުމުގެ މަސައްކަތް ވެސް މި އަހަރު ފަށަން ނިންމާފައި ވާކަމަށެވެ.
މީގެ އިތުރުން މަސް ފިނިކޮށް ރައްކާކުރެވޭނެ ފެސިލިޓީއެއް އައްޑޫގައި މި އަހަރު ގާއިމުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް ދަނޑުވެރިކަމާއި ބެހޭ އިތުރު ތަފްސީލެއް ބަޔާނުގައި ދެއްވާފައެއް ނުވެއެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ ނިސްބަތް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް އިތުރު ވެފަ އެވެ. އަދި ރާއްޖޭން ބޭރު ކުރި މުދަލުގެ އަގު ވަނީ 7 ޕަސެންޓް އިތުރު ވެފަ އެވެ.