ހދ މަކުނުދޫގައި އައިސްޕްލާންޓް ގާއިމްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާރ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ހދ. މަކުނުދޫގައި 25 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމަށް ޝައުޤުވެރިކަން ހުރިފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު 8 ފެބްރުއަރީ ފެށިގެން ހުޅުވާލާފައި ވާ ކަމަށެވެ.
މި ލޯނުގެ ޖުމަލް އަދަދަކީ 3 މިލިއަން ރުފިޔާ ކަމަށާއި މި ލޯނާ ބެހޭ އުސޫލާއި، ލޯނަށް އެދޭ ފޯމު ސަރުކާރު ރަސްމީ ގަޑިގައި އެ މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އިއުލާނުގައި ބުނެފައިވަނީ ލޯނުގެ ބޭނުމަކީ މަސްވެރިން ބާނާމަސް މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް އައިސްޕްލާންޓެއް ގާއިމުކުރުން ކަމަށެވެ.
މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 05 އެޕްރީލް 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މަކުނުދޫގައި އައިސް ޕްލާންޓެއް މިއަހަރު ގާއިމްކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. މަކުނުދޫއަކީ ހދ އަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަންކުރަމުން އަންނަ ރަށެވެ.