ސްޓްރޯކެއް ޖެހިގެން އައިޖީއެމްގައި ފަރުވާދެމުންދަނިކޮށް މިމަހު 5 ވަނަ ދުވަހު ނިޔާވި ކުޅުދުއްފުށީ ނަލަހިޔާގެ، އިބްރާހިމް ޝާހިދު (39އ)ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ޖަލާލުއްދީން ސްކޫލްގައި ހުޅުވައިފި އެވެ.
މަރްހޫމް ޝާހިދު ތައުޒިޔާގެ ދަފްތަރު މިދިޔަ ބުދަ ދުވަހު އާއްމުކޮށް ހުޅުއްވައިދެއްވީ އެސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.
މިދަފްތަރުގައި ލިޔުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާއިރު ދަފްތަރު ބޭއްވިފައިވަނީ އެސްކޫލްގެ އޮފީހުގެ ވެއިޓިންގ އޭރިއާގައެވެ. މިދަފްތަރުގައި ލިޔުމުގެ ފުރުސަތު ހުޅުވާލެވިފައި ހުންނާނީ ހެނދުނު 7:00 ން 14:00 އަށް 15 ފެބްރުއަރީއާއި ހަމައަށެވެ.
މަރްހޫމް ޝާހިދަކީ 1998 ޖަލާލުއްދީން ސްކޫލް ހުޅުވުނީންސުރެ އެސްކޫލްގެ ޕްރިންޓަރެއްގެ މަޤާމްގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ޖަލާލުއްދީން ސްކޫލުގެ ވަޒީފާ އަދާކުރެއްވުމުގެ ކުރިން ޝާހިދު ވަޒީފާ އަދާކުރެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.
ޝާހިދުގެ ކުއްލި މަރާއެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިތާމާގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.
ޝާހިދު ނިޔާވި އިރު 3 ކުދިންނާއި, އަނތްބަކު ދުނިޔޭގައި އެބަހުއްޓެވެ.