މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކުގައި ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން ޝަރުއީ މަރުހަލާ ނިމިފައި ހުރި މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމުގެ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ ކޮމިޓީގެ ހާޒިރުގައި ދޫނިދޫގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ މިތަކެތި ނައްތާލާފައި އެވެ.
ހޮނިހިރު ދުވަހު ނައްތާލާފައިވަނީ 2004 ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދު ފުލުހުންނަށް ހުށަހެޅި ތަހުގީގްކޮށް ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗެވެ.
އެގޮތުން މި މައްސަލަތަކުގައި ހިމެނޭ ހެރޮއިން ހުރި 4600 ރަބަރު ޕެކެޓާއި ހަޝިޝް އޮއިލް ހުރި 166 ސެލޯފިންކޮޅާއި ހަޝިޝް އޮއިލްހުރި 329 ބުލެޓް ނައްތާލާފައިވާއިރު މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅުނު އެހެނިހެން ތަކެތިވެސް ވަނީ ނައްތާލާފައެވެ.
މަސްތުވާތަކެތީގެ ތެރޭގައި މުޅި ޖުމްލަ ނައްތާލެވިފައި ވަނީ 3869 ގްރާމް ހެރޮއިން އާއި 291.5 ގްރާމް ކެނަބިސްއެވެ.