twitterviber whatsapp telegramfacebookyoutube instagram
19th July 2025

ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން އަދަދުވަނީ އިތުރުވެފަ: ކުޅުދުއްފުށީ ހޮސްޕިޓަލް

Feb 13, 2017

ކުޅުދުއްފުށީ ސަރަހައްދުގައި ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ޕަބުލިކް ހެލްތުން އިލްތިމާސްކޮށްފި އެވެ.

މިއަހަރުގެ މިހާތަނަށް ފާނަބަސަންދު ޖެހިގެން 77 މީހަކު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކާފައިވާއިރު އޭގެ ތެރެއިން ފަސް އަހަރުން ދަށުގެ 13 ކުޑަކުއްޖަކުވެސް ހިމެނެ އެވެ.

ކުޅުދުއްފުށީ ޕަބުލިކް ހެލްތް ފާތުމަތު ހަސަން މިއަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ހޫނު ދުވަސްވަރާ ދިމާކޮށް ފާނަބަސަންދު ޖެހޭ މިންވަރު އިތުރުވާ ކަމަށެވެ. ނަމަވެސް މިއަހަރު ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އެހެން އަހަރުތަކާ އަޅާބަލާއިރު އަވަސްވެފައިވާ ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާތުމަތު ވިދާޅުވީ އެ ހޮސްޕިޓަލަށް ދުވާލަކު 1 ނުވަތަ ދެ މީހަކު ފާނަބަސަންދު ޖެހިގެން ޑޮކްޓަރަށް ދައްކާ ކަމަށެވެ.

އޭނާ ވިދާޅުވީ މިބައްޔަކީ ފަސޭހަކަމާއެކު އެކަކުގައިން އަނެއްކަކުގަޔަށް ވާރުތަކުރާ ބަޔެއްކަމުން މިބަލީގެ އަލާމާތެއް އެއްވެސް ފަރާތަކަށް ފާހަގަ ކުރެވިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ މާހިރެއްގެ ލަފާހޯދުމަށް ފާތުމަތު އެދިލެއްވި އެވެ.

ފާނަބަސަންދު ޖެހިއްޖެނަމަ ބަލިމީހާ ގެންގުޅޭ ތަކެއްޗާއި އުޅޭތަންވެސް އެހެންމީހުންނާ ވަކިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުމަށާއި އަދި މީގެ އިތުރުން މި ބަލި ޖެހިފައިވާ ފަރާތެއްނަމަ މީހުންގެ ތެރެއަށް ނުނިކުމެ ވީހާވެސް އެކަހެރިކޮށް އުޅުމަށް އެމަރުކަޒުން އިލްތިމާސްކުރެ އެވެ.

ބަލިން ރައްކާތެރިވުމާ ގުޅޭ ގޮތުން ކުޅުދުއްފުށީ ސްކޫލުތަކުގެ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްދާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355