ރޭގަ ކުޅުދުއްފުއްޓަށް އުދަ އަރާ ގެއްލުންތަކެއް ވެއްޖެ އެވެ. އުދަ އެރުމުގެ ސަބަބުން އެއްވެސް ގެއަކަށް ގެއްލުންވެފައެއް ނުވެ އެވެ.
އުދާގެ އަސަރު އާޓިފިޝަލް ބީޗުން ފެށިގެން ފުއްޓަރު ހޭޅިފަށުގެ ސަރަހައްދާއި އުތުރުކޮޅު ކުޅި ސަރަހައްދަށްވަނީ ކޮށްފަ އެވެ.
އުދާގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ރަށުގެ އިރު ދެކުނު ފަރާތަށެވެ. އެސަރަހައްދަކީ ރަށްގިރުން ހުއްޓުވުމުގެ ގޮތުން ދާދި ފަހުން ބޮޑު ހިލަވެސް ޖަހާފައިވާ ސަރަހައްދެކެވެ.
ބައެއް ސަރަހައްދުތަކުން ރަށު ތެރެއަށް 50 ހަކަށް ފޫޓަށް އުދަ އަރާފައިވެ އެވެ. އުދާގެ ސަބަބުން އާޓިފިޝަލް ބީޗު ސަރަހައްދުގެ ގޮނޑުދޮށް ވަނީ ގާ އަރާ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އަދި ފުއްޓަރު ފަރާތުގެ ހޭޅި ފަށަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.
މަގާންމަގު ފުއްޓަރު ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު ބުނީ އިރުވާ މޫސުމުގެ ހަޅަ ޖަހާ މިދުވަސް ކޮންމެ އަހަރަކުވެސް އުދާގެ އަސަރުކުރާ ކަމަށާއި އެހެންނަމަވެސް މީގެ ކުރިން އުދަ އަރާފައިނުވާ ވަރަށް ރޭގައި އުދަ އަރާފައިވާ ކަމަށެވެ.