ދިޔަވަރު ބޮޑުވާ ގަޑީގައި އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އޮފީހުން ބުނެފި އެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން މެޓު އޮފީހުގެ އޮފިޝަލަކު ބުނީ ދިޔަވަރު ބޮޑުވާ ގަޑީގައި އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ދިޔަ ވަރު ބޮޑުވާނީ ދަންވަރު ގާތްގަނޑަކަށް 1:30 ހާއިރު ކަމަށެވެ.
އެހެން ނަމަވެސް މޫސުމުގައި އާދަޔާހިލާފު ކަމެއް ފާހަގަ ކުރެވިފައިވައި ނުވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމަތު ދެއެވެ.
ރޭ ވަނީ ކުޅުދުއްފުއްޓަށް އުދަ އަރާ ގެއްލުންތަކެއް ވެފައެވެ. އުދާގެ އަސަރު އާޓިފިޝަލް ބީޗުން ފެށިގެން ފުއްޓަރު ހޭޅިފަށުގެ ސަރަހައްދާއި އުތުރުކޮޅު ކުޅި ސަރަހައްދަށް ކޮށްފައިވާއިރު އުދައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ ރަށުގެ އިރު ދެކުނު ފަރާތަށެވެ.
މިއަދު ހެނދުނު 10 ން މާދަމާ ހެނދުނު ދިހައަކަށް މޫސުން ލަފާކުރާގޮތުގައި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ އަދި ގުގުރުންވެސް އެކަށީގެން ވެއެވެ. އެހެން ނަމަވެސް ދެނުކުގެ އަތޮޅުތަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.