ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބޮޑު ތަފާތަކުން ބަޔާން މިއުނިކު އާސެނަލްގެ މައްޗަށް ކުރިހޯދިއިރު ރިއަލް މެޑްރިޑް އިން ނަޕޯލީ ބަލިކޮށްފި އެވެ. ބަޔާން އިން 5-1 އިން އާސެނަލް ބަލިކުރިއިރު ރިއަލް އިން ނަޕޯލީ ބަލިކުރީ 3-1 އިންނެވެ.
ރޭގެ މެޗުގައި ބަޔާން އިން ލީޑު ނެގީ 11 ވަނަ މިނެޓްގައި ރޮބެން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އާސެނަލްގެ ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ޕެނަލްޓީ އޭރިޔާ ބޭރުން ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ރޮބެންގެ ޓްރޭޑްމާކް ލަނޑެކެވެ.
އާސެނަލްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އުފެދުނު ހަމަލާއަކުންނެވެ. ސަންޗޭޒް ޖެހި ޕެނަލްޓީ ކީޕަރ ދިފާއު ކުރި ނަމަވެސް ރިބައުންސްގައި ނުކުތް ބޯޅަ ސަންޗޭޒް ވަނީ ކާމިޔާބުކޮށްފަ އެވެ.
ލެވްންޑޯވްސްކީ ރޭ ގެ މެޗުގައި ލަނޑު ޖެހުމަށް ފަހު – ފޮޓޯ ޑެއިލީ މެއިލް
މުޅި މެޗުގެ ބޮޑުބައި ބަޔާން އިން ކޮންޓްރޯލްކުރި މި މެޗުގެ ފަހު ހާފު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ބަޔާންއިން ވަނީ ކައިރި ކައިރީ ދެ ލަނޑު ޖަހައި އާސެނަލް ފަހަތަށް ޖައްސުވާފަ އެވެ. ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ޕިލިޕް ލާމް ނަގައިދިން ހުރަހަކުން ލެވާންޑޯވްސްކީ ބޮލުން ކާމިޔާބުކުރިއިރު ތިން ވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކުރީ ތިއާގޯ އަލްކަންޓްރާ އެވެ. މިއީ ލެވަންޑޯވްސްކީ ބެކް ހީލް ޕާސްއެއް ޖަހައި ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ 63 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ބޭރުން ތިއާގޯ އަލްކަންޓްރާ ފޮނުވާލި ބޯޅަ އާސެނަލްގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޮސް ގޯލުގެ ތެރެއަށް ވަތްއިރު އާސެނަލްގެ ކީޕަރ އޮސްޕީނާ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ވިދިވިދިގެން 7 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓުމާ ކައިރި ވެފައިވާ އާސެނަލް ކޮޅަށް ވަތް 5 ވަނަ ލަނޑަކީ ޗެމްބަލެއިން ޕެނަލްޓީ އޭރިޔާ ކުރިމަތިން ހެދި ގޯހެއްގެ ފައިދާ ނަގައި ތޯމަސް މުލާ ކާމިޔާބު ކުރި ލަނޑެކެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ޗެމްޕިއަން ރިއަލް މެޑްރިޑު އަދި ނަޕޯލީ ބައްދަލު ކުރިއިރު ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ނަޕޯލީ އިންނެވެ. މިއީ ރިއަލް ގެ ކީޕަރ ނަވާސް ކުރިއަށް ހުރުމުގެ ފައިދާ ނަގައި ލޮރެންޒޯ އިންސިގްނޭ ރިއަލްގެ ހާފުގެ މެދުތެރެއިން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މެޗުގެ 8 ވަނަ މިނެޓްގައި ކާމިޔާބުކުރި ލަނޑެކެވެ.
ރޭގެ މެޗުގައި ކުރޫސް ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ – ފޮޓޯ: ޑެއިލީ މެއިލް
ރިއަލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 19 ވަނަ މިނެޓްގައި ޑެނިއަލް ކަރްވަހާލް ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ކަރިމް ބެންޒީމާ އެވެ. އަދި ރިއަލް އިން މެޗުގައި ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން މެޗުގެ 49 ވަނަ މިނެޓްގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ޓޯނީ ކުރޫސް އެވެ. ރިއަލްގެ ފަހު ލަނޑަކީ މެޗުގެ 54 ވަނަ މިނެޓްގައި ކަސަމީރޯ ވޮލީއަކުން އެއް ފަހަރުން ޖަހައި ކާމިޔާބުކުރި ވަރަށް ރީތި ލަނޑެކެވެ.
މިރޭ ކުޅުނު ދެ މެޗުގެ ދެވަނަ ލެގު އޮންނާނީ މާޗު 8 ގަ އެވެ.