ފަޅުތެރެ ގަދަވެ ކުރިނބީ ބަނދަރުގެ ބޭރު ތޮށިން ބައެއް ވެއްޓި، ބަނދަރަށް ގެއްލުންތަކެއް ވެއްޖެ އެވެ. ފަޅުތެރެ ގަދަވުމުގެ ސަބަބުން މިއަދު ވަނީ އޮޑި ދޯނިފަހަރުވެސް ގާތް ނުކުރެވި ދަތުރުފަތުރު ކުރުމަށް ވަނީ ބުރޫ އަރާފަ އެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން ކުރިނބީ ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ ބަނދަރުގެ ބޭރުތޮށިން ބައެއް ވެއްޓިފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި އެއީ އުދައެރުމުގެ ސަބަބުން ކަމަށެވެ. އުދައަރައި ފަޅުތެރެ ގަދަވުމުން މިއަދު ރަށަށް އޮޑިދޯނި ފަހަރު ލަފާފުރަން ބޭނުންކުރަމުންދަނީ ރަށުގެ ހުޅަނގު ފަރާތުން ޑިންގީ އެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އުދަ އެރުމުގެ ސަބަބުން ވެއްޓިފައިވަނީ ބަނދަރުގެ ޕޭމެންޓް މައްޗައް ވެލި އަދި ގާ ފަދަ ތަކެތި އެޅުން ހުއްޓުވުމަށް ކައުންސިލުން އަޅާފައިވާ ސިމެންތި ގަނޑެއް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
ފޮޓޯ: އަހުމަދު މުޖުތަބާ —
ކުރިނބީ ބަނދަރަކީ 2011 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުގައި ހަދަން ފެށި ބަނދަރެކެވެ. ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ 25 އޮކްޓޫބަރ 2016 ގައި ރައީސް ޔާމިން އެވެ.