ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން މަހުދީ ޝާހިދު އިސްތިއުފާދެއްވައިފި އެވެ.
މަހުދީ އިސްތިއުފާދެއްވިކަން ހާމަކުރެއްވީ މިރޭ އެސްކޫލުގައި ބޭއްވި އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދެވެ.
އައިމިނަތު މިރޭ ވިދާޅުވީ އެސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މަހުދީ ޝާހިދު އިސްތިއުފާދެއްވިކަން އެޑިއުކޭޝަން މިނިސްޓްރީން އެސްކޫލަށް އަންގާފައިވާ ކަމަށެވެ. މިނިސްޓްރީއާ ހަވާލާދެއްވާ އޭނާ ވިދާޅުވީ ވަރަށް އަވަހަށް ޕްރިންސިޕަލެއް ހަމަޖައްސަވާދެއްވާނެކަމަށް ވިދާޅުވި އެވެ.
މަހުދީ ޝާހިދު ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެލެއްވީ 2014 ވަނަ އަހަރުގެ މެއި މަހުގެ އެވެ. މަހުދީގެ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ސްކޫލުގައި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިކަން ފާހަގަކޮށްލެވެ އެވެ.
ޖަލާލުއްދީން ސްކޫލަކީ ސާނަވީ އަދި މަތީ ސާނަވީއަށް ކިޔަވައިދޭ އުތުރުގެ މައި ސްކޫލެވެ.