ރާއްޖޭގެ ގައުމީ ބޭންކު، ބޭންކު އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ކުޅުދުއްފުށީ ބުރާންޗުގެ މެނޭޖަރުގެ މަގާމަށް އައިޝަތު އަބުދުއްރަހީމް ހަމަޖައްސަވައިފި އެވެ.
ކުޅުދުއްފުއްޓަށް އުފަން އައިޝަތު އަބުދުއްރަހީމް ބިިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިގްރީ ހެއްދެވީ އިންޑިޔާއިންނެވެ. މެނޭޖަރުގެ މަގާމު ލިބުނު ފަހުން އައިޝަތު ވަޒީފާއަށް ނިކުންނަށް ފަށާފައިވަނީ މިމަހުގެ ތެރޭގައި އެވެ.
އައިޝަތު މީގެ ކުރިން ދެ ތަނެއްގައި ވަޒީފާ އަދާކުރައްވާފައިވެ އެވެ. އެއީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ސީނިއަރ އޮފިސަރެއްގެ މަގާމުގައި 2013 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ނިޔަލަށް ފުރުއްވާފައިވެ އެވެ.
އަދި އެކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ބިޒްނަސް ސެންޓަރުގެ ކުޅުދުއްފުށީ އޮފީހުގައި ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރެއްގެ މަގާމުވެސް މިދިޔަ އަހަރު ފުރުއްވާފައިވެ އެވެ.