ރާއްޖެއަކީ މީސްލްސް ނުވަތަ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްކަން ކަށަވަރުކުރަން ކުރާ މަސައްކަތުގެ ދަށުން އެ ބައްޔަށް ވެކްސިން ޖެހުމުގެ ހާއްސަ ކެމްޕޭނެއް މިމަހު 26 އިން އަންނަ މަހު 11 އަށް ކުރިއަށްގެންދަން ނިންމައިފި އެވެ.
މިޕްރޮގުރާމާ ބެހޭ ގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު ހަދީޖާ ހަސަން ވިދާޅުވީ މި ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުށީގައި ވެސް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކުޅުދުއްފުށީގައި މިވެކްސިން ދިނުމަށް ޕްރޮގުރާމް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ މިމަހު 26 އިން މާރިޗުމަހުގެ 3 ވަނަ ދުވަހާ ހަމައަށްކަމަށް ހަދީޖާ ވިދާޅުވި އެވެ. އަދި އެދުވަސްތަކުގައި މެންދުރުފަހު 2:00 އިން ހަވީރު 5:00 އާއި ދޭތެރޭ އުފަން ހިޔާގައި ވެކްސިން ދިނުމުގެ ކަންތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ހަދީޖާ ވިދާޅުވީ އެދުވަސްތަކުގައި ކުޅުދުއްފުށީގައި ދިރިއުޅޭ 15 – 25 އަހަރާއި ދެމެދުގެ ފަރާތްތައް މި ވެކްސިން ލިބިގަތުމަށް އުފަން ހިޔާއަށް ދުރުވެ ވެކްސިން ލިބިގަތުމަކީ އެފަރާތުގެ ވަރަށް ބޮޑު އެދުމެއްކަމަށް އޭނާ ވިދާޅުވި އެވެ.
މި ކެމްޕެއިންގައި ވެކްސިން ޖަހާނީ އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިންވެސް ދެ ޑޯޒް ހަމަނުކޮށް ތިބި ކުދިންނަށް މިވެކްސިން ދޭން ނިންމާފައިވާކަމަށް ހަދީޖާ ވިދާޅުވި އެެވެ.
1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މީސްލަސް ވެކްސިން ދޭން ފެށުމަށްފަހު މީސްލްސް ރޯގާއެއްގެ ގޮތުގައި ފެންނާތީ 2005 އަދި 2006 ގައި އެމް.އާރު ކެމްޕެއިން އެއް ހިންގާފައިވެ އެވެ. އަދި 2007 ވަނަ އަހަރު މީސްލްސްގެ ދެވަނަ ޑޯޒެއް އެމް.އެމް.އާރުގެ ނަމުގައި އަންނަނީ ދެމުންނެވެ. މިސަރަހައްދުގެ އެންމެ ފުރަތަމަ މީސްލްސް ނައްތާލެވޭ ގައުމަކަށް ރާއްޖެ ހެދުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މިހާރު ފުރިހަމަ ނުވެ އޮތީ އާބާދީގެ 93 – 95 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމެވެ.
ހަދީޖާ ވިދާޅުވީ އެމް.އާރު ވެކްސިން ދިނުމުގެ ހަރަކާތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި މި ކެމްޕެއިންގައި 15 – 25 އަހަރާ ދެމެދުގެ ހުރިހާ ދިވެހިންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މާބަނޑު މީހުންނާއި ދިފާއީ ނިޒާމަށް އަސަރުކުރާ ފަދަ ބޭހެއް ބޭނުންކުރާ ފަރާތްތަކަށް މިވެކްސިން ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
ވެކްސިން ޖަހައިގެން ނައްތާލެވޭ މިބައްޔަކީ ނޭވާލާ ނިޒާމް މެދުވެރިކޮށް ފަސޭހައިން ގައިންގަޔަށް އަރާ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ.