ހައިކޯޓު އުތުުރު ގޮފީގެ މުވައްޒަފުން މާލެ ގެނެސްފައިވަނީ ތަމްރީނަކަށް ކަމަށާއި ހައިކޯޓު ބަންދު ކުރުމަށް ނިންމާފައިނުވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފި އެވެ.
ޑީޖޭއޭއިން މިހެން ބުނެފައިވަނީ މިއަދު “އަވަސް” ނޫހަށް އެ އިދާރާގެ ލީގަލް އެންޑް މީޑިއާ ސެކްޝަންގެ ހެޑް މަރިޔަމް ފާތިން ދިން އިންޓަވިއުއެއްގަ އެވެ.
ފާތިން ވިދާޅުވެފައިވަނީ އެ ގޮތްޕަށް ނަގާފައިވާ މުވައްޒަފުން މާލެ ގެނެސްފައިވަނީ އަމަލީ ތަޖުރިބާއަށް ކަމަށާއި ޑީޖޭއޭ އާއި ބައެއް ކޯޓުތަކުގައި އެ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އުތުރު ގޮފީގައި އެއްވެސް ޝަރީއަތެއް މިހާތަނަށް ހިންގާފައި ނުވާއިރު ހައިކޯޓުގެ އުތުރު ގޮތްޕަށް ހުށަހެޅޭ މައްސަލަތައް މިހާރު ބަލަމުން ގެންދަނީ މާލެ ހައިކޯޓުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯޓުގެ 1 މުވައްޒަފަކު ފިޔަވާ އެހެން މުވައްޒަފުން މާލެ ގެންގޮސްފައިވަނީ ތަމްރީނު ހެދުމަށްކަމަށް ބުނެއެވެ. އެގޮތުން ކޯޓްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރި މުވައްޒަފު މިހާރު ވަނީ ކުޅުދުއްފުށީ ކޯޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށް ވެސް ބަދަލުކޮށްފަ އެވެ.
މާލެ ގެންދިޔަ ހަތް މުވައްޒަފުންގެ ތެރެއިން 2 މުވައްޒަފަކު ވަނީ ޑްރަގް ކޯޓަށް އަދި 2 މުވައްޒަފަކު ޖުޑިޝަރީ އެކަޑަމީއަށް ވަނީ ބަދަލުކޮށްފަ އެވެ. އަނެއް 3 މުވައްޒަފުން ބަދަލުކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއަށެވެ.