twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ކުޅުދުއްފުށީ ޓީމުގެ އެންމެހާ ހަރަދުތަކެއް ކައުންސިލުން ކޮށްދޭނަށް: އަލީ

Feb 27, 2017

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށިން ނެރޭ ޓީމުގެ ހުރިހާ ހަރަދެއް ކައުންސިލް ކުރާގޮތަށް ހަމަޖެހިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަލީ މުހައްމަދު ވިދާޅުވީ މިފަހަރު ކުޅުދުއްފުށީގެ ރައްޔިތުންގެ ތެރެއިން ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތެއްގެވެސް އަމާޒަކަށް ހަދާފައިވަނީ އަތޮޅު މުބާރާތުގެ ތަށި ކާމިޔާބުކުރުން ކަމަށެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރު ޓީމުގެ ކުޅުންތެރިންނަށް ބަދަލުތަކެއް ގެނެވި، ރަށުން ބޭރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ވެސް ހިމެނޭ ގޮތަށް ވަރުގަދަ ޓީމެއް ކުޅުދުއްފުށިން ނެރެން ޓީމުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހަރަދުތަކެއް ހިނގާކަމަށާއި އެހުރިހާ ހަރަދެއްވެސް ކައުންސިލްގެ މާލިއްޔާއިން ކުރާގޮތަށް ނިންމާފައިވާކަމަށެވެ.

”އަޅުގަނޑުމެން މިއަދުވެސް ބައްދަލުވުމެއް ބޭއްވި ޓީމުގެ އިސް މެނޭޖްމަންޓާއި ބައްދަލުވުމެއް ބާއްވާފައި އަޅުގަނޑުވާނީ ދަންނަވާފައި އަޅުގަނޑުމެންނަށް މާލިއްޔަތު ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ހަމަ އެހުރިހާ ހަރަދުތަކެއްވެސް ކުރިއަށްގެންދެވޭނެ ކަމަށް” ކައުންސިލް ރައީސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ކުރިން ޓީމަށް ކައުންސިލުން ހަރަދުކުރަން ނިންމީ 1 ލައްކަ ރުފިޔާ ނަމަވެސް ކުޅުދުއްފުށީގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިން އެނިންމުން ކައުންސިލުން ބަދަލުކޮށް ޓީމުގެ އެއްމެހާ ހަރަދުތަކެއް ކުރަން ނިންމާ މެނޭޖްމަންޓަށްވެސް މިހާރު އެކަން އަންގާފައިވާ ކަމަށެވެ.

“އެގޮތުން އަޅުގަނޑުމެންގެ ޕޮލިސީވެސް ބަދަލުކުރީ . މީގެ ކުރިން ކަނޑައަޅާފައިވަނީ 1 ލައްކަ ރުފިޔާ ހަރަދުކުރާ ގޮތަށް. އެކަމަކު މިއަދު ނިންމާފައިވަނީ އެއްލައްކަ ރުފިޔާއަށް ވުރެ މައްޗަށް ހަރަދު ހިންގި ޔަސް އެކަން ކައުންސިލް ކުރިއަށް ގެންދާނެކަން. ރަށު މާލިއްޔާގެ ތެރެއިން އެކަން ކުރިއަށްގެންދެވޭނެ. އެއީ ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ބޭނުންވާ ގޮތް” އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ހަރަދުތަކުގެ ތަފްސީލް މާދަމާ ލިބޭނެ ކަމަށާއި  އެކަމަކު އަދި ސީދާ ހަރަދުކުރާނެ އަދަދެއް ކައުންސިލުން ނިންމާފައިނުވި ނަމަވެސް 225000 ރުފިޔާގެ މަދު ނޫން އަދަދެއް ޓީމަށް ހަރަދުކުރާނެ ކަމަށެވެ. އެއަދަދަށް ހަރަދުކޮށްގެން މާލީގޮތުން ކުޅުދުއްފުށީ ކައުންސިލަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފައިނަލް މެޗުގައި ކުޅުދުއްފުށީ ޓީމަށް ދިމާވި ހިތްދަތި ނަތީޖާގެ ހަނދާން އާ ކުރަމުން އަލީ ވިދާޅުވީ އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ޓީމު ވަރުގަދަ ކުރަން ކައުންސިލުން ކުރެވެން ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. މިދިޔަ އަހަރު ފައިނަލް މެޗުގައި ކުޅުދުއްފުށީ ކޮޅަށް 9 ގޯލް ހަނިމާދޫއިން ޖަހާފައި އެވެ.

އަލީ ވިދާޅުވީ  މީގެ ކުރީގެ ދެ އަހަރުވެސް ކުޅުދުއްފުށިން ނެރުނު ޓީމުގެ ހަރަދުތައްކޮށްފައިވަނީ ކައުންސިލްގެ މާލިއްޔާއިން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 76 ހާސް ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ކުރީ އަހަރު 125000 ރުފިޔާ ކައުންސިލް މާލިއްޔާއިން ހަރަދުކޮށްފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355