މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށިން ނެރޭ ޓީމަށް ހޯސްޓްކުރުމަށާއި އެކު ހަރަދުކުރުމަށް ކައުންސިލުން 270000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ބަޖެޓް ފާސްކުރުމަށް އިއްޔެ ކައުންސިލު އިދާރާގައި ބޭއްވި ޖަލްސާގައި ބަޖެޓް ފާސްވީ 6 މެމްބަރުންގެ އިއްތިފާގުންނެވެ. 7 މެމްބަރުން ތިއްބާ މިބައްދަލުވުމުގައި ބައިވެރިނުވަނީ ޝައުފާ އިބުރާހިމް ހިލްމީ އެވެ.
ކުރިން ކައުންސިލުން ނިންމީ ކުޅުދުއްފުށީ ޓީމަށް 1 ލައްކަ ރުފިޔާ ހަރަދުކުރުމަށެވެ. ނަމަވެސް ޓީމު ވަރުގަދަ ކުރުމަށް ބިދޭސީ ކުޅުންތެރިންނާއި ރަށުން ބޭރު ކުޅުންތެރިން ގެނައުމަށް ޓީމުގެ މެނޭޖްމެންޓުންނާއި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަ އެދެމުންދާތީ ޓީމުގެ ހުރިހާ ހަރަދުތަކެއް ކުރުމަށް ކައުންސިލް ނިންމިކަން ކައުންސިލްގެ ރައީސް މީގެ ކުރިން ކޭއޯއަށް ދިން އިންޓަވިއުގެ ވަނީ ވިދާޅުވެފަ އެވެ.
އަލީ ވިދާޅުވީ މިހާރުވެސް ގާތްގަނޑަކަށް 20،000 ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. ފާސްކުރި 270،000 ރުފިޔާގެ ތެރޭގައި ހޯސްޓްކުރުމުގެ ހަރަދުވެސް ހިމެނިފައިވާނެ ކަމަށެވެ. އެގޮތުން ހޯސްޓުކުރުމަށް ގާތްގަނޑަކަށް ހަރަދުވަނީ 10،000 ރުފިޔާކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ކަނޑައެޅި ބަޖެޓުން ހަމަނުޖެހެންޏާ އެހެން ބައްދަލުވުމެއް ބާއްވާގެން ބަޖެޓް އިތުރުކުރަންވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރުވެސް ކައުންސިލް މާލިއްޔާއިން ކުޅުދުއްފުށީ ޓީމަށް 76 ހާސް ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ކުރީ އަހަރު 125000 ރުފިޔާ ހަރަދުކޮށްފައިވާ ވެ އެވެ.