ހުއްޓާނުލާ ރޭ ކުރި ވިއްސާރާގެ ސަބަބުން ކުޅުދުއްފުށީގައި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ގިނަ ގޭބިސީތަކެއްގައި ފެންބޮޑުވެއްޖެ އެވެ.
އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ރަށުގެ އަމީނީމަގުގެ އިރުދެކުނު ސަރަހައްދުގަ އެވެ. އެސަރަހައްދުގެ ގިނަ ގޭބިސީތަކަކަށް ފެންވަދެފައިވާއިރު އެސަރަހައްދުގެ ގޭބިސީތަކުގެ ނަރުދަމާގެ ވެސް ވަނީ މައްސަލަ ޖެހިފަ އެވެ.
އެސަރަހައްދުގުގެ މަގުތަކުގައި ފޫޓަކަށްވުރެ މައްޗަށް ފެންގަނޑު ބޮޑުވެފައިވާއިރު ބައެއް ސްކޫލުތަކުގައިވެސް ވަނީ ފެންބޮޑުވެފަ އެވެ.
ގުގުރުމާއެކު ރޭ ކުރި ގަދަ ވިއްސާރަގެ ސަބަބުން ކުޅުދުއްފުށީގެ ބައެއް ގޭބިސީތަކުން ވަނީ ކަރަންޓްވެސް ކެނޑިފަ އެވެ. ކޭއޯ ވާހަކަ ދެއްކި އާއްމު ރައްޔިތަކުން ބުނީ ރޭގަ ކަރަންޓް ކެނޑުމުގެ ސަބަބުން މިއަދު ހެނދުނުވީއިރުވެސް ކަރަންޓް ނުލިބޭކަމަށެވެ. އަދި ރޭ ހަތަރު ދަމު ތިބީ އުއްބައްތީގެ އަލީގައި ކަމަށް އެމީހާ ބުންޏެވެ.
މިއީ ފަހުގެ ތާރީހެއްގައި ކުޅުދުއްފުއްޓަށް މިހާ ބޮޑަށް ވާރޭވެހި ފެންބޮޑުވި ފަހަރެވެ.