ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
ރާއްޖޭގެ މޫސުމް ކުރިއަށް ލަފާކޮށް އެއިދާރާއިން ބުނީ އުތުރާއި ދެކުނުގެ ބައެއްރަށްތަކަށް ކެރީގެ އަސަރު ގުގުރުމާއެކު ފޯރާނެކަމަށާއި މެދުތެރޭގެ މޫސުން އާންމު ގޮތެއްގައި ރަގަޅުވާނެކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެއިދާރާއިން ބުނެއެވެ.
ކޭއޯއަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިއްޔެ ކުރި ވިއްސާރާގައި އެންމެ ބޮޑަށް ވާރޭ ވެހިފައިވަނީ އުތުރުގެ ރަށްތަކަކަމަށެވެ. އެގޮތުން އިއްޔެ 76 މިލިލީޓަރުގެ ވާރޭ ހދ ހަނިމާދޫއަށް ވެހިފައިވާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ރޭ ކުރި ވިއްސާރާގައި ފެންބޮޑުވެ، ބައެއް ގޭބިސީތަކަށް ފެންވަދެ ވަނީ ގެއްލުންތަކެއް ވެފަ އެވެ.