ވެކްސިން އަކީ ކޮބާ؟
ވެކްސިން އަކީ ބޭހެއްނޫނެވެ. އަދި ބޭސްތަކުގައި ހިމެނޭ ކެމިކަލްތައް ވެކްސިންގައި ނުހިމެނޭނެއެވެ. ގިނަ ވެކްސިންތަކަކީ އެބައްޔެއް ފަތުރާ ބާވަތުގެ ޖަރާސީމް ހަށިގަނޑަށް ގެއްލުން ނުދެވޭގޮތަށް ތައްޔާރުކުރެވިފައިވާ ވެކްސިންތަކެވެ. މިވެކްސިންތައް ހަށިގަޑަށް ޖެހުމުން ހަށިގަޑުގެ ދިފާއީ ނިޒާމަށް ހީވަނީ އެބަލީގެ ޖަރާސީމު ވަނީކަމުގައެވެ. އެގޮތުން ހަށިގަޑުގެ ދިފާއީ ނިޒާމް އަސްލުއެބަލި ނުޖެހިހުރިނަމަވެސް އެބަލީގެ ޖަރާސީމު ވަދެދާނެކަމަށް ތައްޔާރަށްތިބެއެވެ. ގިނަ ވެކްސިން ތަކަކީ ވަކިތަރުތީބަކުން ވަކިމުއްދަތުގައި އެވެކްސިނެއްގެ އިތުރު ޑޯޒްތައް ޖަހަންޖެހޭ ވެކްސިންތަކެކެވެ. މީގެ މިސާލަކީ ފާނަބަސަންދެވެ. އެއްފަހަރު ފާނަބަސަންދު ޖެހުމުން ދެވަނަ ފަހަރަށް އެބަލި ނުޖެހޭގޮތްވެސް ވަނީ އިސްވެދެންނެވުނުގޮތަށެވެ. ނަމަވެސް ގައުމީ ވެކްސިން ޕްރޮގްރާމްގައި އެވާ ވެކްސިނާއި ގުޅުންހުރީ ބަލިތަކަކީ ބަލިމީހާގެ ހާލުވަރަށް ސީރިއަސްވެދާނެ ނުރައްކާތެރި އަދި ފަސޭހައިން ފެތުރިދާނެ ބަލިތަކެވެ.
އެމް އާރ ( މީސަލްސް، ރުބެއްލާ) އަކީކޮބާ؟
މީސަލްސް (ހިމަބިހި) އަދި ރުބެއްލާ އަކީ ދުނިޔޭގެ ތާރީހުގައި ފެތުރުނު ނުރައްކާތެރި އެއްބައްޔެވެ. މިބަލި ޖައްސަނީ ވައިރަސްއެކެވެ. އަދި މިބަލީގެ އަލާމާތްތައް ހުންނަނީ އާދައިގެ ރޯގަލުގައިވެސް ހުންނަ ކަހަލަ ހުންއައުމާއި ކަރުގައި ރިއްސާ ނޭފަތުން ފެންއައުމާއި ގައިގާ ކުދި ބިހިތަކެއް ނެގުމެވެ. އަދި މީގެ އިތުރުން ކަންފަތާއި ފުއްޕާމޭ އަދި ސިކުޑީގައި ޖަރާސީމު އުފެދުމާއި ބޭރަށްހިންގުމާއި ލޯ އަނދިރިވުން ހިމެނެއެވެ.
ބަލީގެ ނުރައްކާތެރިކަމަކީ ކޮބާ؟
ވެކްސިން ނުޖަހާނަމަ 10 އަހަރުން ދަށުގެ ކުދިންގެ %90 ކުދިންނަށް ބަލި ޖެހުމުގެ ފުރުސަތުއޮވެއެވެ. 5 އަހަރުން ދަށުގެ ކުދިންނަށާއި 20 އަހަރުން މަތީގެ މީހުންނަށް ބަލި ޖެހުމުން ނުރައްކާވާލެއް ބޮޑު، ބަލި ޖެހޭ ކުދިންގެ ތެރެއިން ގާތްގަނޑަށް %10 ކުދިން ބަލީގައި މަރުވެއެވެ.
އެމް އާރު ވެކްސިން ނުޖެހުމަށް މިހާތަނައް ފާހަގަކުރެވިފައިވާ ހަގީގަތާއި ހިލާފު އުޒުރުތައް.
އެމް އާރު ވެކްސިންއިން އޯޓިޒަމްއަށް މަގުފައި ކުރާކަމަށް ދެކެވޭ ފުލޯކުވާހަކަ
އޯޓިޒަމްއަކީ އުފެދުމުގައިވެސް އެކުއްޖެއްގެ ހަށިގަނޑުގައި ހުންނަ ނުކުޅެދުން ތެރިކަމެއް، އަދި އެކަމާއި ބެހޭގޮތުން ޝާއިރުކޮށްފައިވާ އާރޓިކަލްއަކީ އެންމެ 12 ކުދިންބޭނުންކޮށްގެން ހަދާފައިވާ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އާރޓިކަލްއެކެވެ. އޭގެ ފަހުން އެތައް މިލިއަން ކުދިންބޭނުންކޮށްގެން ހެދުނު ދިރާސާތަކުގެ ނަތީޖާ އެފަދަ ގުޅުމެއް ނެތްކަން ސާބިތުވުމުން ކުރީގެ ދިރާސާކުރިފަރާތުން މިހާރު އެދިރާސާވަނީ އަބުރާގެންގޮސްފައި، ހަމައެއާއެކު އޯޓިޒަމްގެ ގިނަ އަލާމާތްތައް ކުއްޖާގެ ފަރާތުން ފާހަގަވާން ފަށާއުމުރަކީ ގާތްގަނގަޑަކަށް 18 މަސްކަމުން މިއުމުރަކީ އެމް އެމް އާރު ވެކްސިންވެސް ޖަހާ އުމުރުކަމުން ނުސީދާގޮތެއްގައި އެއިލްޒާމު ވެކްސިންގެ ބޮލުގައި ބައެއްމީހުން އަޅުވައެވެ. މިފަހަކަށް އައިސް އޯޓިޒަމް ގިނަވާކަމަށް އެދެކެވޭ ވާހަކަ އަކީވެސް އެއްވެސް އަސްލެނެތްވާހަކައެކެވެ. އަޅުގަނޑުމެން ކުޑައިރު ( މީގެ 30 އަހަރުކުރިން) ވެސް ބަސްނާހާ، ބޮޑާހާކާ، ރުޅިގަދަ (އޯޓިޒަމްގެ) އަލާމާތްތައް ހުރިކުދިން އުޅުނެވެ. ނަމަވެސް އެއީ އޯޓިޒަމްކަން ނޭގެނީއެވެ.
އެމް އާރު ވެކްސިން އާއި ކުދިންނުލިބޭގޮތް ވުމާއި ގުޅުވައިގެން ދެކެވޭ ފުލޯކުވާހަކަ
ދަރިން ނުލިބޭގޮތް މެދުވެރިވުމާއި އެމް އާރު ވެކްސިންއާއި އެއްވެސް ގުޅުމެއްހުރިކަން މިހާތަނަށް ފާހަގަކުރެވިފައިވާ އެއްވެސް ދިރާސާއެއް ފެންނާކަނެތެވެ. އަދި 15 އަހަރުވާ އަންހެކުދިނަށް ނިއޯނޭޓަލް ޓެޓަނަސްއިން ސަލާމަތްކުރުމަށް ދެވޭ ޓީ ޓީގެ 5 ޑޯޒްއާއި ކުޑަކުދިންނައް ދެވޭ ވިޓަމިން އޭ އަދި ފަނީބޭހާއި ގުޅުވައިގެންވެސް މިއެއްޗެހީގެ އެއްވެސް މަޢުލޫމާތެއް ނެތް ފަރާތްތަކުން ވާހަކަ ފެތުރިއެވެ. ނަމަވެސް އެފަރާތްތަކައްވެސް ނޭގުނުކަމަކީ އެފަދަ މީހުން ތަނެއްކެޑިގެން އައީމަ އެޖަހާ ޓީ ޓީ 15 އަހަރުވުމުން ޖަހާ ޓީ ޓީގައި އެއްވެސް ތަފާތެއް ނެތްކަމެވެ. އަދި ރޯގާޖެހުމުން އެއިރު އެބޭނުންކުރާ ބޮޑުމަހު ތެޔޮގުޅައާއި ވިޓަމިން އޭ އަކީ ކޮޑްލިވަރ އޮއިލްއެވެ. އެއީ ހަމައެކަށްޗެކެވެ. ހަމައެއާއެކު ކާހިތްކެޑުމުން އަމިއްލަޔަށް ގަނެގެން އެބޭނުންކުރާ ފަނީބޭހާއި މިހާރުމިދެވޭ ބޭހުގެ އެއްވެސް ތަފާތެއްނެތެވެ. އަޅުގަނޑުމެން ތަފާތުކަމެއްކުރާކަމަކީ އެތަކެތި އަސްލުގައި ބޭނުންކުރަން ޖެހޭ ގަވާއިދުން ބޭނުންކުރުމަށް އެހީތެރިވެދިނުމެވެ. ހަގީގަތުގައި އެތަކެތީން ގެއްލުމެއްވަންޏާވާނީ އޭގެ މަޢުލޫމާތެއް ނެތި ހިތަށް އަރާހާގޮތަކަށް ބޭނުންކުރާނަމައެވެ. ޑަކްޓަރީ އެއްވެސް ބޭހަކީ ހިތަށް ފެންނަހާގޮތަކަށް ބޭނުންކުރުން ރަނގަޅު ބޭހެއްނޫނެވެ. އެހެންކަމުން ޑަކްޓަރީބޭހާއި ދިވެހި ބޭސްވެސް އެކަމުގެ އިލްމު ހޯދާފައިވާ ފަރާތެއްގެ ލަފާގެ ދަށުންބޭނުންކުރުމަކީ ތިމާގެ ސިއްހަތަށް ވަރަށް މުހިއްމުކަމެކެވެ.
އެމް އާރު ވެކްސިން ޖަހަފިނަމަ އެދުންވެރިކަން ދައްވާނެކަމަށް ދެކެވޭ އަސްލެއްނުވާ ބަހަނާ
ޖިންސީ އެދުންވެރިކަމަކީ އެމީހެއްގެ އުމުރާ، ސިއްހަތުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ޒަރޫރީ ކަންކަމެވެ. މިހާތަނަށް އެމް އާރު ވެކްސިންއާއި ޖިންސީ އެދުންވެރި ކަމާއި ގުޅުން ހުރިތޯބެލުމަށް އެއްވެސް ދިރާސާއެއް ހެދިފައިނުވާކަމުންވެސް ދޭހަކޮއްދެނީ މިދެކަންތަކަކީ އެއްވެސް ގުޅުމެއްނުވާ ދެކަންކަމެވެ. އާންމުކޮށް ސުވާލު ކުރިމަތިވަނީ ދެބައި އުމުރުން މަތީގެ ފިރިހެނުންގެ ކިބައިން ކަމުގައިވާތީ އަޅުގަނޑަށް ލަފާކުރެވެނީ އެމީހުންނަކީ އެފަދަ އުދަގޫތަކެއް ތަހަންމަލު ކުރަމުންދާ ފަރާތްތަކެއްކަމެވެ. އެފަދަ ފަރާތްތަކުން އެމީހުންގެ ހިތުގެ އުދާސްތައް ބޭރުކޮއްލުމުގެ ހަތިޔާރަކަށް މިވެކްސިން ބޭނުންކުރަނީކަމުގައިވެދާނެއެވެ. އަމުދުން އެއުމުރުގެ މީހުން މިވެކްސިން ޖަހާފައި ނުވެސްވާނެއެވެ. ވީމާ މިއީ އެއްވެސް އަސްލެނެތްވާހަކައެކެވެ. ޖިންސީ އެދުންވެރިކަމުގެ މައްސަލަހުންނަ ފަރާތްތަކަށް އަޅުގަނޑު ދޭންބޭނުންވާ މެސެޖަކީ ދުޅަހެޔޮ ސިއްހަތެއްގައިހުރުމަށް ރަގަޅުކާނާކެއުމަށާއި ގަވާއިދުން ކަސްރަތުކުރުމަށެވެ.
ވެކްސިން ޖަހާއިރު ތަދުވާނެތަ؟
އެއްވެސް ވަރަކަށް ތަދެއްނުވާނެ. ސަބަބަކީ އާންމުކޮށް ތަދުވާ އިންޖެކްޝަންތަކަކީ ވަރަށް އޮލަކޮން ބޭސްފޮދު ހުންނަ އިންޖެކްޝަން، މިޔާ ހިލާފައް މިވެކްސިންގެ ބޭސްފޮދު ހުންނަނީ ވަރަށް ފެންކޮން. އަދި މިވެކްސިން ޖަހާ ކައްޓަކީ ވަރަށްހިމަ ކައްޓެކެވެ.
އެމް އާރު ވެކްސިން ދިނުމަކީ ސިޔާސީ ކަމަކަށް ހެދުން
ވަރަށް މަދުފަރާތަކުން ނޫނީ މިފަދަ ވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. ނަމަވެސް މިކަން ސިޔާސީކުރާ ފަރާތްތަކަށް އެންމެރަގަޅު ޖަވާބަކީ، މިއީ ސިޔާސީ ކަމެއްނަމަ 9 މަހުގައި މީސަލްސް ވެކްސިންގެގޮތުގައި އަދި 18 މަހުގައި އެމް އެމް އާރުގެ ގޮތުގައި އަދި މިހާރު މިހިގާ ޕްރޮގްރާމްގައި 8 އަހަރާއި 14 އަހަރާއި ދެމެދު މިވެކްސިން ދިނުމުގެ ބޭނުމަކީ ކޮބައިތޯ ގައިމު އެފަރާތްތަކަކީ ވޯޓުލެވޭނެ ފަރާތްތައްކަމުގައި ނުވާކަން.
ވަކިއުމުރަކަށް ވެކްސިން ޖަހަނީކީވެގެންބާ؟
މިހާރުމިޖަހާ ވެކްސިން އަކީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަޑައެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަޑައަޅާފައިވާ މިންގަޑުތަކުގައިވާ އުމުރުފުރާގެ މީހުންނަކީ މިވެކްސިން ޖަހާފައިވާމީހުންކަމުގެ ކަށަވަރުކަން ދިނުމުގެ ގޮތުންނާއި މިއުމުރުފުރާއަކީ މިވެކްސިންއިން ދިފާއުކޮށްދޭ ބަލިޖެހުމާއި ހާލު ދެރަވުމުގެ ފުރުސަތުބޮޑު އުމުރުފުރާކަމުގައި ވާތީވެ.
ޕޯލިއޯ، ފައިލޭރިއާ އަދި މެލޭރިއާ ފަދަ ފުރާނަޔަށް ނުރައްކާވެދާނެފަދަ ބޮޑެތިބަލިތައް ރާއްޖެއިން ފުހެލެވިފައިވަނީ ރާއްޖޭގެ ޞިއްހީނިޒާމުގެ ޚާއްސަކޮށް ޕަބްލިކް ހެލްތު ދާއިރާޔަށް ދިވެހި ރައްޔިތުންކުރިއިތުބާރާއި ދެއްވި އެއްބާރުލުމުގެ ނަތީޖާއިންނެވެ. އެހެންކަމުން މިފަދަ ގައުމީ މަސަތްކަތުގައި އިސްވެ ދެންނެވުނު ހަގީގަތާ ހިލާފު އަމުދުން އެއްވެސް އަސްލެއްގެމަޗައް ބިނާވެފައިނުވާ ވާހަކަތަކަށް ނުހެއްލި ވީއެންމެ އަވަހަކަށް އެމް އާރު ވެކްސިން ޖެހުމަށް އިލުތިމާސް ދަންނަވަމެވެ.
އެޑިޓޯރިއަލް: މި އާޓިކަލް ލިޔެފައިވަނީ ކުޅުދުއްފުށީ ޕަބުލިކް ހެލްތު އޮފިޝަރު މުހައްމަދު އަބުދުލްރަހްމާނެވެ