twitterviber whatsapp telegramfacebookyoutube instagram
18th May 2024

މަކުނުދޫއަށް ރައީސް ކޮށްދެއްވާނެކަމަށް ވިދާޅުވި ތަރައްގީގެ މަޝްރޫއުތަކަށް ދަނީ އަލިމަގު ފެންނަމުން

Mar 7, 2017

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން ހދ މަކުނުދޫގައި މިއަހަރު ހިންގާނެކަމަށް ވިދާޅުވި ތަރައްގީގެ މަޝްރުއުތަކަށް އަލިމަގު ފެންނަމުންދާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަކުނުދޫގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ބައެއް ކަންތައް ވަނީ މިހާރުވެސް ކޮށްދެއްވާފަ އެވެ. އެގޮތުން ސިއްހީ މަރުކަޒު މިހާރުވަނީ 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކޮށްފަ އެވެ. އަދި ސީދާ ކުޅުދުއްފުއްޓަށް އާދެވޭނެހެން ފެރީއެއްވެސް ވަނީ ބާއްވާފަ އެވެ.

މަކުނުދޫ ކައުންސިލް ރައީސް މުހައްމަދު ޝާކިރު ކޭއޯއަށް ވިދާޅުވީ ރައީސް ޔާމީން މަކުނުދޫއަށް ކޮށްދެއްވާނެކަމަށް މިދިޔަ އަހަރު ވިދާޅުވި ގިނަ ކަންތައްތަކެއް މަޝްރުޢުތަކެއް ފަށާގަތުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އަންނަ ހަފްތާ ތެރޭގައި މަސްމާރުކޭޓް އެޅުމަށް ބިޑް ހުޅުވާލާނެ ކަމަށެވެ.

މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ މަކުނުދޫގައި މިހާރުވަނީ 3 މިލިއަން ރުފިޔާގެ އައިސްޕްލާންޓެއް ގާއިމްކުރުުމަށް ހުޅުވާލާފަކަން ފާހަގަކުރައްވަމުން ޝާކިރު ވިދާޅުވީ އެކަމަށް ބޭނުންވާ ބިން ކައުންސިލުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މަކުނުދޫގައި ގާއިމްކުރަނީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ.

ޝާކިރު ވިދާޅުވީ ސާފު ބޯފެނުގެ މަޝްރޫއު ކުރިއަށްގެންދިއުމުގެ ދިރާސާ ހެދުމަށްޓަކާ މާރޗުމަހު އެންވަރމަންޓް މިނިސްޓްރިގެ ޓީމެއް މަކުނުދޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަކަށް އެމަޝްރޫއުގެވެސް އަމަލީ މަސައްކަތް ފެށިގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

” އެސްޓީއޯގެ ގުދަން އެޅުމަށް ކައުންސިލުން މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. މިނިސްޓްރީގެ ހުއްދަށް ލިބުމާއެކު ވީހާވެސް އަވަހަކަށް ފަށައިދިނުމަށް ވަނީ އެދިފައި. އަޅުގަނޑު އުއްމީދު މި ކުރަނީ މާ ލަސްތަކެއް ނުވެ އެމަސައްކަތްވެސް ފެށިގެންދާނެ ކަމަށް ” މަކުނުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޖިއޮގުރަފީގޮތުން މަކުނުދޫ އޮންނަ އެކަހެރިކަމުގެ ސަބަބުން ބޯފެނާއި ކާޑަށް ޖެހިގެން ވަރަށް ގިނަ ފަހަރު މަކުނުދޫއަށް އެބާވަތްތައް ކުޅުދުއްފުށިން ފޮނުވަ އެވެ. މިމަޝްރޫއުތަކުގެ ސަބަބުން އެކަމަށް ހައްލެ ލިބިގެންދާނެކަމަށް ކައުންސިލުން ދެކެ އެވެ.

އެންވެރިކަން ދިރުވާ އާލާކުރުމަށް ސަރުކަރުން ކަނޑައެޅި 5 ރަށްތަކުގެ ތެރޭގައި މަކުނުދޫ ހިމެނޭކަމަށާއި އެމަސައްކަތްވެސް ކުރިއަށްދާކަމަށް ކަމާ ގުޅުންހުރި މުއްސަސަތަކާ ހަވާލާދީ ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ މަކުނުދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ސަރުކާރާ ވާހަކަދައްކަވަމުންދާ ކަމަށާއި އެކަމަށްވެސް ފެހި ސިގްނަލެއް މިހާރު ލިބިފައިވާ ކަމަށެވެ.

މިމަޝްރޫއުތައް ހިންގުމުގައި ހައުންސިންގ މިނިސްޓަރު މުހައްމަދު މުއިޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ޝާކިރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުވައްސަސާތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ޝާކިރު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355