ރާއްޖެއައި ދެ ޕެސެންޖަރުން އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިގޮތުން ވޭތުވެދިޔަ ފެބްރުވަރީ މަހުގެ 25 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި އެމީހާގެ ހަށިގަނޑުން 1 ޕެކެޓް ހަޝިޝް އޮއިލް (506 ގްރާމް) އަދި ހެރޮއިން އަޅާފައިހުރި 6 ބްލެޓް (162 ގްރާމް) ވަނީ ފެނިފައިވާކަމަށް ކަސްޓަމްސް ބުނެ އެވެ.. މި މީހާގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 668 ގްރާމެވެ.
އަދި މިމަހުގެ 3 ވަނަ ދުވަހު ދުބާއީއިން ރާއްޖެއައި 32 އަހަރުގެ ދިވެހި ފިރިހެނަކާއި ބެހޭގޮތުން ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުން ބަލައިފާސްކުރުމުގެ ތެރޭގައި އެމީހާގެ ލަގެޖުން ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ފެނިފައި އެވެ. މި މީހާގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 783 ގްރާމް ހުއްޓެވެ.
މިދެމީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވިފައިވާއިރު މިމައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.