ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ތިލަދުންމަތީ އުތުރުބުރީ އިހަވަންދުއަށް އިއްޔެ ވަޑައިގެން އެރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެކަމަނާ ވަނީ އިހަވަންދޫގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނާ ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވާލައްވާފައި ވެއެވެ. އަދި އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ވަނީ އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދެވުމަށް ސަރުކާރުން ނިންމަވާފައިވާ އައިހަވަން މަސްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ޝުއޫރު ހުރިގޮތް ހާމަކޮށްދޭ ހާއްސަ އައިޓަމެއް ހުށައަޅައިދީފަ އެވެ.
މީގެ އިތުރުން އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ކޮމީޓީގެ މެންބަރުންނާއި، އިސްރަށްވެހިންނާވެސް އެކަމަނާ ވަނީ ބައްދަލުކުރައްވާފަ އެވެ.
މިދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޕީ.ޕީ.އެމަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތީން ފަށްޓަވާފައިވާ “އެންމެ ގާތުން” ކެމްޕެއިނުގެ ތެރެއިން މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބައްލަވައި، މިހާރުން މިހާރަށް ބޭނުންވާކަންކަން ދެނެގަތުމުގެ މަސައްކަތް އެޑްވާންސް ޓީމްތަކެއް ފޮނުވައިގެން ގެންދަވަނީ ބައްލަވަމުންނެވެ.
އަދި އަތޮޅުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނާ އެކަމަނާ ބައްދަލުކުރައްވައި އަމިއްލަފުޅަށްވެސް އެހީވެދެއްވައެވެ.