ބަނޑުގައި ރިއްސާތީ ހދ.ނޭކުރެންދޫ ސިއްހީ މަރުކަޒަށް ދެއްކި އަންހެނަކު ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ލަފާދިނުމުން ލޯންޗެއްގައި ކުޅުދުއްފުއްޓަށް ދަތުރުކުރަނިކޮށް އެއަންހެން މީހާ ލޯންޗް ތެރެއަށް އިއްޔެގެ ވަގުތެއްގައި ވަނީ ވިހައިފަ އެވެ.
މި އަންހެނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެނެސްފައި ވަނީ އިއްޔެ މެންދުރު 12:45 ހާ އިރުއެވެ. އަދި ގެނައި އިރު ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އިތުރު މައްސަލައެއް ނެތްނަމަ މާދަމާ ފޮނުވާލާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އޭނާގެ ފިރިމީހާ “ވަގުތަށް” މައުލޫމާތު ދެމުން ބުނެފައި ވަނީ ނޭކުރެންދޫއިން ފުރައިގެން އެރަށް ކައިރީގައި އޮންނަ ކޭލަކުނު ކިޔާ ފަޅު ރަށަކާ ހަމައަށް ދެވުނު އިރަށް އަންހެނުން ވިހައިފި ކަމަށާއި އަންހެނުން ވިހެއުމަށް އެހީތެރިވެދިނީ ލޯންޗްގައި ތިބި ދެނަރުހުން ކަމަށެވެ.
ނޭކުރެންދޫ ސިއްހީ މަރުކަޒުގައި މާބަނޑު މީހުން ވިއްސޭކަށް ނުހުރެއެވެ.