ކުޅުދުއްފުށިން ގެންދިޔަ މާބަނޑު މީހާ އާއި ދަރިފުޅުގެ ހާލު ވަރަށް ދެރަކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ސްވައިން ފުލޫ ޖެހިގެން ކުޅުދުއްފުށިން ގެންދިޔަ ށ.ފުނަދޫ އަށް ނިސްބަތްވާ މާބަނޑު މީހާގެ ދަރިފުޅު ސިޒޭރިއަން ހަދައިގެން ރޭގެ ވަގުތެއްގައި ވަނީ ނަގައިފަ އެވެ.
އަދި ދެމައިންގެ ހާލުވެސް ވެސް ވަރަށް ދެރަ ކަމަށް “މިހާރު” އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އޮފިސަލަކު ވަނީ މިއަދު ބުނެފަ އެވެ.
ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަ މީހާގެ ހާލު ސީރިއަސްކަމުން، ސިޒޭރިއަން ހަދައިގެން އޭނާގެ ދަރިފުޅު ނެގިއިރު އޭނާގެ ބަނޑަށް އަދި ވެފައި ވަނީ ފަސް މަހެވެ.
“މިހާރު” އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ އޮފިސަލަކު ބުނެފައި ވަނީ އަންހެން މީހާގެ ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ދަރިފުޅުގެ ވެސް ހާލު ދެރަކަމުން ދެމައިންނަށްވެސް ފަރުވާދެމުން އަންނަ ކަމަށެވެ.