މިހާރު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫގެ ސަބަބުން ސިވިލްސާރވިސް ކޮމިޝަންގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް ޗުއްޓީ ދިނުމަށް އެކޮމިޝަނުން ނިންމައިފި އެވެ.
އެގޮތުން އެކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ މާބަނޑު އަންހެނުން މަސައްކަތަށް ނުނިކުމެ ތިބޭ މުއްދަތުގައި މުސާރައާއި އެންމެހާ އެލަވަންސްތައްވެސް ހަމަޖައްސައި ދެވޭނެ ކަމަށާއި މާބަނޑު އަންހެނުންނަކީ އެރޯގާގެ އެންމެ ނުރައްކާތެރި ހާލަތު މެދުވެރިވާ އެއް ބައެއް ކަމުގައި ވާތީ ގާނޫނާއި ގަވާއިދުން ލިބިދީފައިވާ ބާރުގެ ދަށުން ރޯގާގެ ކަންކަން ކޮންޓްރޯލް ކުރެވެންދެން ސިވިލްސާރވިސްގައި މަސައްކަތްކުރާ ހުރިހާ މާބަނޑު އަންނެނުން މަސައްކަތަށް ނުނިކުންނަ ގޮތަށް ހަމަޖައްސާފައިވާކަމަށެވެ.
އެހެންކަމުން މާބަނޑު މީހެއްކަން އަންގައިދޭ ސިއްހީ ހިދުމަތްދޭ ތަނަކުން ދޫކޮށްފައިވާ ލިއުމެއް ހުށައެޅުމުން ޗުއްޓީ ހަމަޖެހިގެން ދާނެކަމަށް މި ސާކިއުލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ގޭގައި ހުންނަ ދުވަސް ތަކުގައި ގޭގައި ތިބެގެން ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަށާއި އޮފީހަށް ބޭނުންވެއްޖެ ހިނދެއްގައި އޮފީހުގެ މަސައްކަތުގައި އެހީތެރިވެ ދިނުމަށް ސާރކިއުލާގައި ވަނީ އެދިފަ އެވެ.