ވޭތުވެދިޔަ މަހު މީރާއިން 1 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން އާންމު ކުރިި ތަފާސްހިސާބުގައި ވެއެވެ.
އެ އޮތޯރިޓީއިން ހާމަކުރި ގޮތުގައި މިއީ ފެބުރުވަރީ 2017 ގައި ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ %15.2 އިތުރު އަދަދެއްކަމަށެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އާމްދަނީ 2017 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ލިބިފައިވާ އާމްދަނީއަށްވުރެ ވަނީ އިތުރުވެފައި ކަމަށެވެ.
މީގެ އިތުރުން ފެބުރުވަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަަމަށާއި އެއީ %63.6 ނުވަތަ 638.83 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީ.ޕީ.ޓީ (136.85 މިލިއަން ރުފިޔާ ނުވަތަ %13.6) އިންކަމަށެވެ.
މީގެ އިތުރުން ގްރީން ޓެކްސް (64.52 މިލިއަން ރުފިޔާ ނުވަތަ %6.4)، އެއަރޕޯޓް ސަރވިސް ޗާޖް (45.99 މިލިއަން ރުފިޔާ ނުވަތަ %4.6)، ލޭންޑް އެކުއިޒިޝަން އަދި ކޮންވާޝަންފީ (24.76 މިލިއަން ރުފިޔާ ނުވަތަ %2.5)، އަދި އެހެނިހެން ޓެކުހާއި ފީ (93.83 މިލިއަން ރުފިޔާ ނުވަތަ %9.3) ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފާހަގަ ކުރެވޭ ކަމަށެވެ.
2017 ފެބުރުވަރީ މަހުގައި މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 41.7 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ތަފާސްހިސާބުގައި ވެއެވެ.