ކުޅުދުއްފުށީގައި ހިންގި ޓްރެފިކް އޮޕަރޭޝަނެއްގެ ތެރެއިން ފުލުހަކު މަޑުކުރަން އެންގުމުން މަޑުނުކޮށްދިޔަ މީހަކު 6 މަހަށް ޖަލަށްދާން ޖެހިއްޖެ އެވެ.
2016 ޑިސެމްބަރ 15 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލައިގެން ގޮސްފައިވާ މައްސަލައާގައި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ، މޭވާގެ، އަހުމަދު ހުސެއިންގެ (26އ) މައްޗަށެވެ. ގުޅިގެންނެވެ.
މި ދައުވާ ޝަރީއަތުން ބެލުމަށްފަހު މިމަހުގެ 9 ވަނަ ދުވަހު ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ މިމައްސަލައިގައި ދައުވާލިބޭ އަހުމަދު ހުސައިން ތަހުޤީޤު މަރުހަލާއާއި ޝަރީއަތުގެ މަރުހަލާގައި އިންކާރުކޮށްފައިވީ ނަމަވެސް ދައުވާ ސާބިތުކުރުމަށްޓަކާ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ޤަރިނާ އާއި އަހުމަދު ހުސައިން މި މައްސަލައިގެ ތަހުޤީޤަށާއި ޝަރީއަތަށް ދީފައިވާ ބަޔާނަށް ރިޢާޔަތްކުރާއިރު، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532 ވަނަ މާއްދާގެ (ހ) ގެ ދަށުން ޤާނޫން ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާކަމަށެވެ.
ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން އަހުމަދު ހުސައިން 6 މަސްދުވަހަށް މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ