އަންނަ އާދީއްތަ ދުވަހު އަލުން ކިޔެވުން ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެޗް1އެން1 ފެތުރެމުން ދާތީ ސްކޫލްތައް ބަންދުކުރުމަށް ފަހު، ސްކޫލްތައް ހުޅުވަން ނިންމީ ބަންދުކުރިތާ 10 ދުވަހުގެ ތެރޭގައި ރޯގާ ފެތުރެމުން ދިޔަ މިންވަރާއި އިޖުތިމާއީ ހާލަތަށް ބެލުމަށް ފަހު ކަމަށެވެ.
ފުރަތަމަ ޓާމްގެ ބަންދު ހަފްތާ ފެށެނިކޮށް ނަމަވެސް ރޯގާ އުޅޭތީ ތިން ދުވަސް ކުރިން ވަނީ ސްކޫލްތައް ބަންދުކޮށްފަ އެވެ.
ގައުމީ ޔުނިވަސިޓީން ވެސް އަންނަ އާދީއްތަ ދުވަހު އަލުން ކިޔެވުން ފެށޭއިރު ރާއްޖޭގެ އެކި ހިސާބުތަކުގައި ފެތުރެމުން ދިޔަ ހުމާއި އަރިދަފުސް ރޯގާއަށް ފަރުވާ ހޯދާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފަ އެވެ.
ނަމަވެސް މިނިސްޓްރީން އިލްތިމާސް ވެފައި ވަނީ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ރޯގާގެ އެއްވެސް އަލާމާތެއް ކުއްޖެއްގެ ކިބައިން ފެނިއްޖެ ނަމަ އެ ކުއްޖަކު ސްކޫލަށް ނުފޮނުވައި ވީހާވެސް އަވަހަކަށް ސިއްހީ ފަރުވާ ހޯދުމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެޗް1އެން1 އަށް ޓެސްޓްކުރި 460 މީހުންގެ ތެރެއިން 169 މީހަކަށް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައި ވެއެވެ. އަދި އެޗް1އެން1 ޖެހިގެން މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ 33 މީހަކު ކަމަށެވެ.