ކުޅުދުއްފުށީ ކައުންސިލުން ހިންގަމުން އަންނަ އަމީރު އަމީން ސްކޫލުގެ ކިޔެވުން ފެށޭނީ އަންނަ ހަފުތާ ކަމަށް ކައުންސިލު ބުނެފި އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ސްވައިން ފްލޫ ފެތުރެމުން ދިއުމާ ގުޅިގެން މިދިޔަ ހަފްތާގައި ސްކޫލްތައް ބަންދުކުރުމަށްފަހު، މިއަދު އަލުން ސަރުކާރުގެ ސުކޫލުތައް ވަނީ ހުޅުވާ ކިޔަވާދޭން ފަށާފަ އެވެ. މިއަދު ސްކޫލުތައް ހުޅުވުނު ނަމަވެސް ސްކޫލަށް ހާޒިރުވީ ވަރަށް މަދު ދަރިވަރުންތަކެކެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އައިމަނު މިރޭ ކެޢޯއަށް ވިދާޅުވީ އަމީރު އަމީން ސްކޫލުގެ ކިޔެވުން ފެށެނީ އަންނަ ހަފްތާ ކަމަށާއި މިހަފްތާގައިވެސް ކިޔެވުން ބަންދުކުރީ ގިނަ ބެލެނިވެރިން ތަކެއް އެދުމުން ކަމަށެވެ. އަދި ސިއްހީ ލަފާދޭ ފަރާތްތަކުންވެސް ލަފަޔަށް ބަލާފަކަމަށް އައިމަނު ވިދާޅުވި އެވެ.
އެހެން ސްކޫލުތަކާ ތަފާތުކޮށް އެސްކޫލަށް ދާނީ ވަރަށް ތުއްތު ކުދިން ކަމުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރިގޮތެއް ނޫން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ލަފާދެއްވާ ކަމަށް އައިމަނު ވިދާޅުވި އެވެ.
ދަރިވަރުން ސްކޫލަށް ފޮނުވަންވީތޯ ގިނަ ބަޔަކު ޓްވިޓާގައި ސުވާލުކުރުމުން މަޝްހޫރު ޑރ. އަބްދުﷲ ނިޔާފް އެ ޓްވީޓްތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ޓުވީޓް ކުރައްވާފައިވަނީ ލަވައެއް ކަމަށްވާ “ޕްލީސް ޑޯންޓް ގޯ” ލަވަ އެވެ.
ނިޔާފް މިލަވަ ޝެއާ ކުރުމުން ޓްވީޓާގައި ގިނަ ބަޔަކު އެކަން މާނަކޮށްފައިވަނީ ދަރިވަރުން ސުކޫލުތަކަށް ނުފޮނުވަން ޑރ. ނިޔާފް ލަފާދެއްވީ ކަމަށެވެ.
ރާއްޖޭގައި ސްވައިން ފްލޫގެ ނުރައްކާ ބޮޑުވެފައިވާއިރު ރާއްޖޭގައި ސްވައިން ފުލޫގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހަޔަކަށް އަރާފަ އެވެ.