އެޗް1އެން1ގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީއިން ބުނެފި އެވެ.
ހެލްތު މިނިސްޓްރީއިން ރޭގަ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންފްލުއެންޒާ ރޯގާ ފެތުރުނަ ނުދިނުމަށް ކުރަން ބޭނުންވާ ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އަދި ފުލޫ ކުލިނިކް ތަކަށް އަންނަ މީހުންގެ އަދަދު މަދު ވަމުންދާއިރު ބައެއް ފުލޫ ކުލިނިކްތައްވެސް ބަންދުކޮށްފައިވާ ކަމަށް ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިންފްލުއެންޒާ ރޯގާ ފެތުރުނަ ނުދިނުމަށް ސިއްހީ ހިދުމަތްދޭ ތަންތަނުގެ މަސައްކަތް ތަރުތީބު ކުރުމަށް ތަފާތު ލެވަލްތަކެއް ކަނޑައަޅާފައި އެވެ. އެގޮތުން ރާއްޖޭގެ މިހާރުގެ ހާލަތަކީ ލެވަލް ތިނެއް ކަމަށާއި ނަމަވެސް އެއީ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ރޯގާ ފެތުރުން މަދު ކުރުމަށް މަސައްކަތްކުރާ މިންގަނޑު ކަމަށާއި ސްކޫލުތައް ބަންދު ކުރަން ޖެހޭ މިންގަނޑެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ބަޔާނުގައި ވަނީ ރޯގާ ފެތުރެން ފެށި ދުވަސްވަރު 1098 މީހުން ޑޮކްޓަރަށް ދައްކައިފަވީ ނަމަވެސް 24 މާރޗް ގައި ޑޮކްޓަރަށް ދައްކާފައި ވަނީ 257 މީހުން ކަމަށެވެ. އަދި މާލޭ އެޑްމިޓްކޮށްފައިވާ މީހުންގެ ތެރެއިން އިންފްލުއެންޒާއަށް ޕޮސިޓިވްވެފައި ވަނީ 26 މީހުން ކަމަށާއި އަތޮޅުތަކުގެ ތެރެއިން އެޑްމިޓްކޮށްގެން ރޯގާއަށް ފަރުވާ ދެމުން ދަނީ ފަސް މީހުންނަށް ކަމަށެވެ.
މިއަދު ސްކޫލުތައް ހުޅުވުމާ ގުޅިގެން ގިނަ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. އެހެން ނަމަވެސް މިއީ ސްކޫލްތައް ބަންދުކުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އާންމު ސާފުތާހިރުކަން ދަމަހައްޓައި، ރޯގާޖެހިފައިވާ މީހުންނާއި ކުދިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިފައި އެވެ.