މި ހަފުތާގެ ކުރިއަށް އޮތް 3 ދުވަހަކީ ސްކޫލް ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސްގައި ހުމާ ބެހޭ ސަރުކާރުގެ އެންމެ އިސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރޯގާ ފެތުރެމުން ދަނިކޮށް މިހަފްތާގައި ސްކޫލު ހުޅުވަން ނިންމީ ފިލާވަޅުތައް ގިނަވެ، މުގައްރަރުތައް ފުރިހަމަ ކުރުމަށް ދުވަސް ނަގާނެތީ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ކުރަން ބޭނުންވާތީ ކުރިއަށް އޮތް ތިން ދުވަހަށް ސުކޫލުތައް ބަންދު ކުރުމަށް ރައީސް އަބްދުﷲ ޔާމީން މިހާރު ނިންމަވާފައިވާ ކަމަށެވެ.
ސްވައިން ފުލޫ ހަލުވިކަމާއެކު ރައްޖޭގައި ފެތުރެމުން ދިއުމާއެކު ސްކޫލުތައް ބައްދަކުރުމަށް ފަހު، އަލުން ސްކޫލުތައް ހުޅުވިނަމަވެސް ފާއިތުވި ދެ ދުވަހު ސްކޫލުތަކަށް ހާޒިރުވެފައިވަނީ ވަރަށް މަދު އަދަދެއްގެ ދަރިވަރުންނެވެ.