twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ބަލި 2 ރައްޔިތުންގެ ފަރުވާއަށް މަކުނުދޫ ރައްޔިތުން ނުކުމެ ލައްކައެއްހާ ރުފިޔާ ހޯދައިފި

Apr 3, 2017

މަކުނުދޫއަށް ނިސްބަތްވާ 2 މީހަކު ކަމަށްވާ މާބަގީޗާގޭ އިސްމާއިލް އިބްރާހިމް އާއި ކިނބިގަސްދޮށުގޭ އަބްދުލް ގާދިރު އިބްރާހިމް އަށް ދަނީ ސްޓޯކެއްޖެހި އޭޑީކޭގައި ފަރުވާދެމުންނެވެ. އެދެމީހުންނަށާއި އެ ދެމީހުންގެ އާއިލާއަށް އެހީތެރިވުމަށް ރަށު ރައްޔިތުންވަނީ ފައިސާ ހޯދުމަށް މަސައްކަތް ތަކެއް ކޮށްފައި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން މަކުނުދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވި ގޮތުގައި އެދެ އާއިލާ މާލޭގައި ތިބެގެން ދެމީހުންނަށް ފަރުވާ ހޯދަމުންދާތާ މިހާރު މަހެއް ވަނީ ކަމަށެވެ. އަދި ބަލިހާލުގައި ގިނަދުވަސްތަކެއްވުމުގެ ސަބަބުން ދެއާއިލާއަށް ވަނީ ބޮޑު ނިކަމެތި ކަމަކާ ކުރިމަތި ލާން ޖެހިފައި ކަމަށެވެ. އަދި ދެ އާއިލާއަށް އެހީތެރިވުމަށް ދެއާއިލާގެ އެދުމުގެ މަތިން ކައުންސިލުން އިސްނަގައިން މަކުނުދޫގެ ހުރިހާ ރައްޔިތުން ސާމިލުވާގޮތަށް ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

މުޅިި ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުން ވަނީ 94019 ރުފިޔާ ހޯދާފައި ކަމަށާއި މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ދެ އާއިލާ އަށް ވަނީ 50.47009 ރުފިޔާ ހަވާލު ކުރެވިފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން ހަފްތާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މަސްވަރާ ފަށާފައި ވަނީ 24 މާރޗް ވާ ހުކުރު ދުވަހުގެ ހެނދުނު ކަމަށެވެ. އެގޮތުން އެހަފްތާގެ ހޮނިހިރު ދުވަހު ރަށުގެ އަންހެން ވެރިންނާއި ފިރިހެންވެރިން ނިކުމެ ހަރަކާތްތަކެއް ފެށި ކަމަށެވެ، އަދި 5 ފަންޑު ފޮއްޓެއް ބެހެއްޓި ކަމަށާއި ފަންޑު ފޮށިތައް ބެހެއްޓީ އެހަފްތާއަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން އެ ހުކުރު ދުވަހު މަކުނުދޫ ދެ މިސްކިތުގައި އެކަމަށް ފަންޑު ފޮއްޓެއް ބެހެއްޓި، ދެ ފަންޑު ފޮށިން ލިބިފައި ވަނީ 15682.11 ރުފިޔާ ކަމަށް މައުލޫމާތު ދެއެެވެ. މީގެ އިތުރުން މަކުނުދޫ ތިން ކަންނެލި އޮޑިއެއްގައި ފަންޑު ފޮއްޓެއް ބެހެއްޓި، 3 ފަންޑު ފޮށިން ވަނީ 7228.25 ރުފިޔާ ލިބިފައި އެވެ.

އެހަފްތާގެ ހޮނިހިރު ދުވަހު ރަށުގެ އަންހެން ވެރިންނާއި ފިރިހެންވެރިން ނިކުމެ ހަރަކާތްތަކެއް ފެށިއިރު އަންހެނުން އަދި ފިރިހެނުން ކޮށްފައި ވަނީ ވަކިން އެކި މަސައްކަތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އެގޮތުން އަންހެނުން ރަށުތެރެއަށް ނިކުމެ ގޭގެއަށް ގޮސް އެކި އެކި މަސައްކަތްކޮށްގެން 30000 ރުފިޔާ ހޯދާފައި ކަމަށެވެ.

އަދި އެހެންމެ ފިރިހެނުން މަހަށް ނިކުމެ 10 ޑިންގީގަ އާއި 03 ދޯނީގައި އެއް ޓަނުގެ ކަނޑުމަސް ބާނާފައިވާއިރު ސަތޭކައެއްހާ ބޯވަ އާއި އިހި އަދި ރާކަނި ފަދަ ތަކެތި ނެގި ކަމަށެވެ. ރަށުގެ ރައްޔިތުން މި ތަކެތި ގަނެފައިވާއިރު މަސްވެރިކަމުން ވަނީ 36108.25 ހޯދާފައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގެ ރައީސް ވިދާޅުވީ މިކަމަށް ބަހަދި ޖަމިއްޔާގެ ފަރާތުން ވަނީ 5000 ރުފިޔާގެ އެހީތެރިކަށްވެސް ލިބިފައި ކަމަށެވެ.

ކައުންސިލްގެ ރައީސް ރަށުގެ ރައްޔިތުންނަށް ވިދާޅުވެފައި ވަނީ މި ހަރަކާތްތަކުގައި އިސްވެ އެހީތެރިކަށް ދެއްވި ހުރިހާ ރައްޔިތުންނަށާއި އެވެދެއްވި އެއްބާރުލުމަށް ކައުންސިލުން ނިހާޔަތައް ޝުކުރު ދަންނަވާފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355