twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބަޣާވަތުގެ ސަބަބުން ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް ވަނީ ހުއްޓިފަ: ލަތީފް

Apr 1, 2017

2013 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ފަހުން އޭރުގެ ސަރުކާރުން ކުޅުދުއްފުށީގައި ހިންގަމުންދިޔަ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ހދ އަތޮޅު ކައުންސިލް މެމްބަރު އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތައާރަފުކުރުމަށްޓަކާ ހުކުރުދުވަހުގެ ރޭ ކުޅުދުއްފުށީ ބަންޑާރަމައިދާނުގައި ބޭއްވި ޖަލްސާގައި އަބުދުލް ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުއްޓަށް ތަރައްގީގެ ގިނަ މަޝްރޫއުތައް ފައްޓަވައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތްތަކުން ވައްޓާލުމާ ގުޅިގެން ކުޅުދުއްފުށީގައި ހިންގަމުންދިޔަ ތަރައްގީގެ މަޝްރޫއުތަކެއް ހުއްޓިފައިވާ ކަމަށެެވެ.

“މިއަދަކީ އަޅުގަނޑުމެން އެ ބަގާވާތުގެ އަނދިރިން ސަލާމަތްވުމަށްޓަކައި މަސައްކަތް ފަށާފައިވާ ވާތީ އެކަމުގެ ފުރަތަމަ ފިޔަވަޅުކަމަށް ވެދާނެ. އަޅުގަނޑުމެން މިއަންނަ އަހަރަކީ ރިޔާސީ އިންތިހާބަށް ކުރިމަތި ލައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހޭ އަހަރު. އެހެންނަމަވެސް އިންތިހާބު ކުރިން އަޅުގަނޑުމެން މި ކުރިމަތިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އަޅުގަނޑުމެންނަށް އެއީ މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކާމިޔާބު ކުރުމަށްޓަކައި އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެއް. ކޮންމެ ގައުމަކަށްވެސް އަންނާނެ މުހިއްމު ދަނޑިވަޅުތަކެއް. އެގޮތުން އަޅުގަނޑުމެންނަށް މިދަނޑިވަޅު މި ކުރިމަތިވަނީ މި އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އަޅަންޖެހޭ ފުރަތަމަ ފިޔަވަޅު ކާމިޔާބު ކުރުމުގެ ދަނޑިވަޅު” ލަތީފް ވިދާޅުވި އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމަކީ ވެރިކަން ކުރުމަށްޓަކައި ލިބުނު 3 އަހަރު ވެރިންކަން ކޮށްފައިވާ ކުޅުދުއްފުށި ނުވަތަ ހދ އަތޮޅުގެ ރައްޔިތުން އުފާވަނިވި ގޮތަކަށްކަމަށެވެ. ރައްޔިތުން ލޯބިން މަރުވާވަރަށް ރައީސް ނަޝީދު ހދ އަތޮޅަށް ވަޑައިގެން ރައްޔިތުންގެ ހާލު އަހުވާލު ބަލާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ހދ އަތޮޅަކީ ވަރަށް ބީރައްޓެހި އަތޮޅެއް ކަމުގައި ވަނީ ވެފަ އެވެ. އެމްޑީޕީގެ ވެރިކަމާއި މިހާރު މި ހިނގާވެރިކަމާއި އަޅައި ބަލާއިރުގައި އުޑާއި ބިމާހާ ތަފާތުތަކެއްު ދެ ވެރިކަމުން ފެނިގެންދާކަމަށް ލަތީފު ވިދާޅުވި އެވެ.

“އެމްޑީޕީވެރިކަން ފެށިގެން އައިއިރު ފެށުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުޅުދުއްފުށީގެ ފެނާއި ނަރުދަމާ ވަނީ ގާއިމްކުރެވިފަ. މުޅި ރާއްޖެއަށް ހުޅުވާލައިގެން އެކިފިކުރުގެ ފަރާތްތަކަށްވެސް އާސަންދައިގެ ހިދުމަތް ވަނީ ތައާރަފު ކުރެވިފައި. މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ވަނީ ގުޅާލެވިފައި. ކުޅުދުއްފުށީގެ މަގުތައް ހެދުމަށްޓަކައި އަމަލީ މައްސަކަތްވަނީ ފެށިގެން ބާރަށް ކުރިއަށް ގެންގޮސްފަ. މިގޮތުން ކުޅުދުއްފުށީގެ އަމީނީމަގު 2 ކިލޯ މީޓަރުގެ ދިގުމަގެއް 4 މަސްދުވަސްތެރޭގައި ދެފަރާތުގައި ޕޭމަންޓް ގާޖަހާފައިވޭ. އެހެން ނަމަވެސް ދިމާވީ ބަގާވާތުގެ ސަބަބުން އެމަސައްކަތް ހުއްޓިގެން ދިޔައީ. ފްލެޓްތަކުގެ މަސައްކަަތް ބާރަށް ކުރިއަށްދިޔަ. ކުޅުދުއްފުށީގެ ބިން އެތައްތަނަކުން ބޮޑުވެގެންދިޔަ ބިން ހިއްކުމުގެ މަޝްރޫއު އިއުލާނު ކުރެވުނުތާ ގާތްގަނޑަކަށް މަސްދުވަހެއްތެރޭގައި ބިން ހިއްކާ ނިމިފައިވަނީ” އަބުދުލް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355